11 Oct 2014, 18:21
ކްރިމިނަލް ކޯޓަށް މީހުން ހާޒިރު ކުރަނީ ހަމައެކަނި ދައުލަތުން ދައުވާކުރާ މައްސަލަތަކާ ގުޅިގެން ނޫން ކަމަށް އެ ކޯޓުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީއަށް ކްރިމިނަލް ކޯޓުން ޗިޓެއް ހަވާލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުން ބޭނުންވެއްޖެނަމަ ކޮންމެ ބޭނުމެއްގައި ވެސް ކޯޓަށް ހާޒިރުކިރާނެ ކަމަށެވެ. އަދި ކޯޓަށް ހާޒިރުކުރުމުގެ ކުރިން ހާޒިރުކުރެވޭ ސަބަބު އެމީހަކަށް އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ މީހަކަށް ވެސް އެމީހަކު ކޯޓަށް ހާޒިރުކުރުމުގެ ކުރިން ހާޒިރުކުރަން އުޅޭ ބޭނުމެއް ކޯޓުން އަންގާނެ. ކޯޓަށް މީހުން ހާޒިރު ކުރަނީ ހަމައެކަނި ދައުލަތުން އެމީހެއްގެ މައްޗަށް ދައުވާ ކުރުމާ ގުޅިގެނެއް ނޫން. ހަމައެކަނި ކުށެއްގެ ތުހުމަތު ކުރެވިގެނެއް ނޫން. ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން އެމީހަކު ހެއްކެއްގެ ގޮތުގައި ހުށަހެޅިއަސް ހާޒިރު ކުރާނެ. އަދި ކޯޓުން ބޭނުންވާ މައުލޫމާތެއް ސާފުކުރަން ޖެހުނަސް ހާޒިރު ކުރާނެ. އެފަދަ ކޮންމެ ހާލަތެއްގައި މީހަކު ހާޒިރު ކުރާނަމަ އެ މައުލޫމާތު ކޯޓުން އާންމު ނުކުރާނެ،" މަނިކު ވިދާޅުވި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވެފައި ވަނީ މާދަމާ 9:00 އަށް ކޯޓަށް ހާޒިރުވުމަށް ޗިޓެއް ހަވާލުކުރަން ބޭނުންވެގެން ކްރިމިނަލް ކޯޓުން އޭނާއަށް ފޯނުކޮށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރު ކުރަން އުޅެނީ ކޮން ބޭނުމެއްގައިކަން އެނގިވަޑައިނުގަންނަވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މަނިކު ވިދާޅުވީ އެ ކޯޓާ ގުޅޭގޮތުން އެކިގޮތްގޮތަށް މާރިޔާ މީޑިއާތަކަށް މައުލޫމާތު ދެއްވިކަމުގައި ވިޔަސް މާރިޔާ ކޯޓަށް ހާޒިރު ކުރަން އުޅޭ ސަބަބު އެންގުމަށްފަހު ކޯޓަށް ހާޒިރުވުމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި ކޯޓުގެ އެންގުމަށް ކިޔަމަންވުމުގެ ގޮތުން އަންގާފައިވާ ގޮތުގެމަތިން ކޯޓަށް ހާޒިރުވާނެ ކަމަށް މާރިޔާ ވިދާޅުވެފައިވާ ކަމަށް ވެސް މަނިކު ވިދާޅުވިއެވެ.