11 Oct 2014, 18:03
ސްޕެއިންގެ ރޭއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގީޒްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫންކަމަށް އެޓީމުގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.
އެންޗެލޯޓީ މިހެން ބުނެފައިވަނީ ރޮނާލްޑޯ އަކީ އަބަދުވެސް އަމިއްލަ ކާމިޔާބަށް އެދިގެން ކުޅޭ ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ އަމިއްލަ އެދުންބޮޑު މީހެކޭ ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެމުންނެވެ.
" ރޮނާލްޑޯ އަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް. އޭނާ އަކީ އެއް ސީޒަނެއްގައި 50 އަށްވުރެ ގިނަ ގޯލްތަކެއް ޖަހާ މީހެއް. އަހަރެންނަށް އެއްވެސް ހާލެއްގައި ގަބޫލެއް ނުކުރެވޭ އޭނާ އަކީ އަމިއްލަ އެދުން ބޮޑު މީހެއްކަމަށް. އޭނާގެ ސަބަބުން އަހަރެންނަށާއި މުޅި ޓީމަށް ގިނަ ފައިދާތަކެއް ލިބިގެންދޭ،" ސޯފުޓް އަށް މައުލޫމާތު ދެމުން އެންޗެލޯޓީ ބުންޏެެވެ.
އެންޗެލޯޓީ ބުނީ ރޮނާލްޑޯ ކުޅެނީ އޭނާ ކައިރީގައި ކުޅެން ބުނެފައި އޮންނަ ޕޮޒިޝަނަށް ކަަމަށާއި ކޮންމެ ޕޮޒިޝަނަކަށް ކުޅޭށޭ ބުންޏަސް ރޮނާލްޑޯ ދެކޮޅު ނަހަދާނެ ކަމަށާއި އުފަލުން ހުރެ އޭނާ އެކަން ކުރާނެ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ އަބަދުވެސް އަމިއްލަ ކާމިޔާބީ ތަކަށްވުރެ ބޮޑަށް ޓީމަށް ކުރިއެރުން ހޯދައިދޭން މަސަތްތަކްކުރާ ކުޅުންތެރިއެއް ކަަަމަށެވެ.
ޕޯޗުގަލްގެ 29 އަހަރުގެ ވިންގާ އަންނަނީ މި ސީޒަންގައި އާދަޔާ ޚިލާފަށް ގިނަ ގޯލްތަކެއް ޖަހަމުންނެވެ. އެންމެ ފަހުގެ ބެލަންޑޯވެސް ކާމިޔާބުކުރި ކުޅުންތެރިއާ ވަނީ މިސީޒަންގައި ރެއާލް މެޑްރިޑަށް 17 ގޯލް ކާމިޔާބުކޮށްދީފައެވެ.