23 Jan 2011, 16:48
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފެންމަތިވުމުގައި ޕީއޭގެ "އަތެއް ނުވާނެ" ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު މިއަދު ވިދާޅުވީ، އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި، އެ ވާހަކައެއް ފެންމަތިވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާ އަށް އެމްޑީޕީ މެންބަރަކު ހުށަހެޅުއްވި އިސްލާހަކާ ގުޅިގެން ކަމަށާއި މީގެ އެތައް ދުވަހެއް ކުރިން ހުށަހަޅާފައިވާ އެ މައްސަލަ މިހާރު ފެންމަތިވެގެން އުޅެން ޖެހޭ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ނާޒިމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޑީއާރްޕީއަށް އަށް ނިސްބަތްވާ، ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު މަޖިލީހުގެ ގަވައިދަށް ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެކަމުގައި ނަގަންވާނީ ސިއްރު ވޯޓެއް ކަމަށް ބުނާ އިސްލާހެއް ކަމަށެވެ.
"އެ މާއްދާގައި ބުނެފައި އޮންނާނީ ގާނޫނު އަސާސިގައި ސިއްރު ވޯޓު ނެގުން ލާޒިމު ކުރާ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ނަގަންވާނީ، އާންމުކޮށް ހުޅުވާލެވިފައިވާ ވޯޓެކޭ. އެހެން އޮތްތަންކޮޅު، އެ ބޭފުޅާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަދަލުކުރައްވަން ބޭނުންފުޅުވަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ހިނދެއްގައި ވެސް ނަގަން ޖެހޭނީ ސިއްރު ވޯޓު ކަމަށް،" މަޖިލީހުގެ ރައީސްގެ މައްޗަށް ތުހުމަތު ކުރާ އިތުބާރުގެ މައްސަލައާ ބެހޭ ގޮތުން ނާޒިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އިސްލާހު މަޖިލީހުގެ ގަވައިދަށް ގެނައުމަށް އެ މެންބަރު ހުށަހަޅުއްވާފައި އޮތީ ޑިސެމްބަރު މަހު ފަހު ކޮޅު ކަމަށާއި މިހާރު އެ ވާހަކަތައް ދެކެވޭތީ އެއީ "މިސްކިތު ހުޅުޖެހި މީހާ" ފަދަ ކަމެއް ކަމަށެވެ.
ނާޒިމު ވިދާޅުވީ އެ އިސްލާހުގައި "މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ [ވާހަކަ ވެސް އޮތް ކަމަށާއި] "އެހެންވީމާ މަޖިލީހުގެ ނައިބު ރައީސްގެ [އިތުބާރު ނެތްކަމުގެ ވާހަކަ] ވެސް ކިޔިދާނެ" ކަމަށެވެ.
"އެހެން ނަމަވެސް މި ކިޔަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަނީއޭ،" ނާޒިމު ވިދާޅުވި އެވެ.
މަޖިލީހުގެ ނާއިބު ރައީސް ވިދާޅުވީ އެފަދަ ކޮންމެ މައްސަލައަކީ ވެސް ކޮންމެވެސް އަސާސެއްގެ މައްޗަށް ބިނާވެގެން ހިނގާނެ ކަންކަން ކަމަށާއި ނަމަވެސް އެފަދަ ވާހަކަތަކެއް އެ ދެކެވެނީ "އެކަހަލަ ހާލަތެއް އޮތީ ކަމަށް" އެ ބޭފުޅުންނަށް ހީފުޅުވުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.
ނާޒިމު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް ބައެއް ފަހަރު ނެރުއްވާ "ރޫލިންނާ ދޭތެރޭ" ހިތްހަމަ ނުޖެހިގެން ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ކަމަށާއި ނަމަވެސް އެއީ "ވަގުތުގެ ހޫނުގައި ޖެހިގެން" ދައްކަވާ ވާހަކަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެކަމަކު މީހުން ބުނެ އުޅޭ އަލިފާން ނެތި ދުމެއް ނާރާނެއޭ،"
އޭނާ ވިދާޅުވީ ޑީއާރުޕީ އިން ނޫސްކޮންފަރެންސް ބާއްވައި މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއްގެ ވާހަކައެއް ދެއްކެވީ "އެ ބޭފުޅުންގެ ތެރޭގައި އުޅޭ ކަންތައްގަނޑުގައި އެކަން ވެސް ހިމެނީ" ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ޕީއޭގެ އަތެއް ނޯންނާނެ ކަމަށް ނާޒިމު ތަކުރާރުކޮށް ވިދާޅުވި އެވެ.
ވެރިކަން ހިންގާ އެމްޑީޕީން ބުނެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ވާހަކަ އަކީ އެ ޕާޓީ ދަންނަ ވާހަކައެއް ނޫން ކަމަށެވެ.