11 Oct 2014, 17:54
ޔޫރޯ ކޮލިފައިންގައި އެންޑޯރާއާ ވާދަކޮށް ފަސޭހަކަމާއެކު 6-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބެލްޖިއަމް މޮޅު ވެއްޖެ އެވެ.
ބެލްޖިއަމުން ރޭގެ މެޗުގައި އެންޑޯރާ ކޮޅަށް ހަ ލަނޑު ޖަހާފައިވާއިރު މިއީ މި މުބާރާތުގައި ބެލްޖިއަމް އެންމެ ގިނަ ގޯލު ޖަހާފައިވާ މެޗެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓުގައެވެ. ބެލްޖިއަމަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބު ކުރީ މިޑްފީލްޑަރު ކެވިން ޑި ބްރޫޔިން އެވެ. އޭގެ ހަތަރު މިނިޓު ފަހުން ބްރޫޔިން އަނެއްކާވެސް އެންޑޯރާ ކޮޅަށް ދެވަނަ ލަނޑު ޖަހައި ބެލްޖިއަމަށް ނަތީޖާ ފުޅާކޮށްދިނެވެ.
އެންޑޯރާއިން ޑިފެންސިވް ގޭމެއް ޖެއްސި ނަމަވެސް ބެލްޖިއަމްގެ ދެވަނަ ލަނޑު ކާމިޔާބުކުރިތާ ތިން މިނިޓްފަހުން އެންޑޯރާ ކޮޅަށް އިތުރު ގޯލެއް ވަނީ ވަދެފައެވެ. މެޗުގެ 37 ވަނަ މިނިޓުގައި އެ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ބެލްޖިއަމްގެ ނެސާ ޗެޑްލީއެވެ. އެއާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ބެލްޖިއަމް 3-0 ލަނޑުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން 14 ވަނަ މިނިޓުގައި ބެލްޖިއަމްގެ ހަތަރުވަނަ ގޯލު ކާމިޔާބުކުރިއެވެ. މެޗުގެ 56 ވަނަ މިނިޓުގައި ޖެހި ގޯލު ކާމިޔާބު ކޮށްފައިވަނީ ފޯވާޑު ޑިވޮކް އޮރިޖީ އެވެ. އެއަށްފަހު މެޗުގެ ފަހު ދެ ގޯލު ކާމިޔާބު ކޮށްދީފައި ވަނީ ފޯވާޑު ޑްރައިސް މާޓެން އެވެ.
ޔޫރޯ ކޮލިފައިން 2016 ގްރޫޕް ބީގައި މި މަހުގެ 14 ގައި ބެލްޖިއަމް ދެން ނުކުންނާނީ ބޮސްނިއާ ހާޒެގޮވީނާއާ ދެކޮޅަށެވެ.