ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފަޔާސްގައި ކަޒަކިސްތާން އަތުން ނެދަލޭންޑްސް ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

އެމްސްޓަޑެމްގައި ކުޅުނު މެޗުން ޔޫރަޕްގެ ގަދަބާރު އަދި ދުނިޔޭގެ ތިންވަނަ ޓީމް ނެދަލޭންޑްސް އިން ކުރިހޯދީ ކަޒަކިންސްތާނުން ގޯލެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ފަހަތުން އަރައި 3-1 ންނެވެ. މިއީ އަމިއްލަ ދަނޑުގައި ބަލިނުވެ ޖެހިޖެހިގެން އެޓީމުން މޮޅުވި 18 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 17 ވަނަ މިނިޓުގައި ކަޒަކިސްތާނަށް ކާމިޔާބުކޮށްދިނީ ރެނާޓް އަބްދުލިން އެވެ.

ފުރަތަމަ ހާފު އެ ނަތީޖާގައި އޮވެގެން ނިންމާލިއަސް ޖަރުމަނުގެ ކްލަބް ޝާްލްކޭއަށް ކުޅެމުން އަންނަ ފޯވާޑްކްލާސް ޔާން ހަންޓެލާ ވަނީ ގޯލެއް ކާމިޔާބުކޮށް ކަންބޮޑުވެފައިތިބި ނެދަލޭންޑްސް ސަޕޯޓަރުންގެ ހިތްހަަމަ ޖައްސުވައިދީފައެވެ. ހަންޓެލާ ގޯލް ޖެހީ ދެވަނަ ހާފުގެ 62 ވަނަ މިނިޓުގައި މިޑްފީލްޑަރު އިބްރާހިމް އަފެލާއި ނަގައިދިން ހުރަހަކުންނެވެ.

ހުނަރުވެރި ކުޅުންތެރިއާ އަފެލާއި ވަނީ 82 ވަނަ މިނިޓުގަައި ނެދަލޭންޑްސް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. މި މެޗަަކީ 2012 ވަނަ އަހަރު ނޮވެމްބަރު މަހަށްފަހު ބައިނަލްއަގުވާމީ މެޗެއްގައި އަފެލާއީ ކުޅުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މެޗު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ފޯވަޑް ރޮބިން ވެން ޕާސީ ވަނީ ލިބުނު ޕެނަލްޓީއަކުން ގޯލެއް ޖަހައި ނެދަލޭންޑްސް އަށް ކޮލިފައިންގައި ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މެޗުގެ ދެހާފުގައިވެސް ނެދަލޭންޑްސްގެ ކުޅުންތެރިންވަނީ ކަޒަކިސްތާނުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ޚާއްސަގޮތެއްގައި މެދުތެރޭގައި އަފެއްލާއީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ފުރަތަމަ ހާފުގައި ވެންޕާސީ އާއި ހަންޓެލާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އިދިކޮޅު ޓީމުގެ ކީޕަރެވެ.

މިލިބުނު މޮޅާއެކު ޔޫރޯ ކޮލިފައިންގެ ގްރޫޕް އޭގެ ތިންވަނައިގަައި ނެދަލޭންޑްސް އޮތް އިރު އެއް ޕޮއިންޓާއެކު ކަޒަކިސްތާނު އޮތީ ހަތަރުވަނައިގައެވެ. ގްރޫޕްގެ އެންމެ ކުރީގައި އޮތީ ކުުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދައިގެން އައިސްލޭންޑް އެވެ.