11 Oct 2014, 17:30
ޑިފެންޑަރު ޖިއޯޖިއޯ ކިއެލިނީގެ ގޯލްތަކުން ޔޫރޯ ކޮލިފަޔާސްގައި އަޒަރްބައިޖާންގެ މައްޗަށް އިޓަލީން މޮޅެއް ހޯދައިފި އެވެ. ރޭ އިޓަލީގެ ޕަލާމޯގައި ކުޅުނު މެޗުގައި އެޓީމު އަޒަރްބައިޖާން އަތުން މޮޅުވީ 2-1 ލަނޑުންނެވެ.
ގައުމީ ޓީމަށް އެނބުރި އައިސް ކުޅެދިން ފުރަތަމަ މެޗުގައި މިޑްފީލްޑަރު އަންދްރޭ ޕިރްލޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީވެސް އިޓަލީ އިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ޕިރްލޯގެ އެސިސްޓަކުން ޑިފެންޑަރު ކިއެލިނީ އެވެ.
ދެވަނަ ހާފުގެ 76 ވަނަ މިނިޓުގައި ކިއެލިނީ އަތުން ބައިކޮޅަށް ގޯލެއް ވަދެ މެޗުގެ ނަތީޖާ 1-1 ލަނޑުން ހަމަހަމަ ވެގެން ދިޔަ ނަމަވެސް ކޮލިފަޔާސްގައި އިޓަލީ އިން މޮޅުވުމުގެ ސިލްސިލާ ދެމެހެއްޓީ 82 ވަނަ މިނިޓުގައި ކިއެލިނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީގެންނެވެ.
މި މެޗުގައި އިޓަލީގެ މެދުތެރޭގައި ޕިރްލޯ ވަނީ އޭނާ އަކީ އަދިވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިޑްފީލްޑަރެއްކަން ފާހަގަވާފަދަ މޮޅު ކުޅުމެއް ދައްކައިފައެވެ. އިޓަލީގެ ފޯވަޑުންނަށް ބޯޅަ ސަޕްލައި ކޮށްދިނުމުގެ އިތުރަށް މުޅި މެޗުގައިހެން މެދުތެރެ ކޮންޓްރޯލްކޮށް ބޯޅަ ހިފަހައްޓައިދިނީ މިހާރު އުމުރުން 35 އަހަރު ވެފައިވާ ޕިރްލޯ އެވެ.
މިއަހަރުގެ ޖޫންމަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް މެނޭޖަރު އެންޓޯނިއޯ ކޮންޓޭގެ އެދުމުގެ މަތިން ޕިރްލޯ ވަނީ އަނެއްކާވެސް އޭނާގެ މަޝްހޫރު 21 ނަންބަރު ޖާޒީގައި ކުޅެން ނުކުމެފައެވެ.
މެޗައްފަހު ވާހަކަ ދައްކަމުން ޕިރްލޯ ބުނީ ގައުމީ ޓީމަށް އަނެއްކާވެސް ޚިދުމަތް ކޮށްދޭން ނިންމީ ކޯޗު ކޮންޓޭގެ އެދުމުގެ މަތީން ކަނަށާއި ކޮންޓޭ އާއި އެކީގައި ރަނގަޅު ކާމިޔާބީތައް ހާސިލްކުރެވޭނެ ކަމާމެދު ޔަގީން ކުރާ ކަމަށެވެ.
" އަހަރެންގެ ވިސްނުން ބަދަލުކުރެވޭނެ ހަމައެކަނި މީހަކަށް ހުރީ ކޮންޓޭ. އަހަރެންނަށް އިނގޭ މި ދެއަހަރު ނިންމަން ޖެހޭ މުހިއްމު ޕްރޮޖެކްޓް ތައް އެބަހުރިކަން. ކޮންޓޭ އަކީ އަހަރެން ވަރަށް ދަންނަ މީހެއް އަދި މި ދެއަހަރުގެ ތެރޭގައި ކާމިޔާބީ ލިބޭނެ ކަމާމެދު ޔަގީންކުރަން،" ޕްރީ މެޗް ކޮންފެރެންސް ގައި ވާހަކަ ދައްކަމުން ޕިރްލޯ ބުންޏެވެ.
ގްރޫޕް އެޗްގައި ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށް ގޯލްގެ ތަފާތުން އިޓަލީ އިން ގްރޫޕްގެ އެންމެ ކުރީގައި ހަަމަޖެހިލިއިރު ދެވަނައިގައި އޮތީ ކްރޮއޭޝިއާ އެވެ. ރޭގެ މެޗުން ބަލިވި އަޒަރްބައިޖާން އޮތީ އެއްވެސް ޕޮއިންޓް އެއް ނުލިބި ގްރޫޕްގެ ފަސްވަނައިގައެވެ.