ބާކްލޭސް އިން ނެރުނު ރިޕޯޓެއް ދައްކާ ގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މާކެޓުގައި އެންމެ ދަރަނިބޮޑު ގައުމަކީ އިނގިރޭސި ވިލާތް ކަމަށް ދައްކައިފި އެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެކޯޑް އަދަދަކަށް ކުޅުންތެރިން ގަތް އިނގިރޭސި ވިލާތުގެ ކްލަބްތަކުގެ ޖުމްލަ ދަރަނި މިހާރު 379 މިލިއަން ޔުރޯއަށް އަރައެވެ. ކުޅުންތެރިން ގަނެވިއްކުމުގެ މުއާމަލާތުން އެގައުމަށް 200 މިލިއަން ޔޫރޯ އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު އެގައުމުގެ ކްލަބްތަކުން ގައުމުން ބޭރުގެ ކުޅުންތެރިން ހޯދުމަށް 579 މިލިއަން ޔޫރޯ ވަނީ ޚަރަދުކޮށްފައެވެ.

ޔޫރަޕްގެ މަޝްހޫރު ގައުމުތަކުގެ ތެރެއިން ޓްރާންސްފާ ބާޒާރުގައި ފައިދާ ނަގައިފައިވަނީ ފްރާންސް އެވެ. އެގައުމުން 86.9 މިލިއަން ޔޫރޯގެ ފައިދާއެއް ނެގިއިރު ވޯލްޑް ކަޕް ކާމިޔާބުރި ޖަރުމަނުގެ ލީގަށް މާބޮޑު ޑިމާންޑެއް އައިސްފައެއް ނެތެވެ.

އިނގިރޭސި ކްލަބްތަކުން މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެކޯޑް އަދަދަކަށް ކުޅުންތެރިން ގަނެފައިވެއެވެ. އޭގެ ތެރޭގައި ކޮލަމްބިއަން ފޯވަޑް ރަޑަމެލް ފަލްކާއޯ އާއި އާޖެންޓީނާގެ ތަރި އެންޖެލް ޑި މަރިއާގެ ޓްރާންސްފާ ހިމެނެއެވެ.