11 Oct 2014, 17:09
ކެވިން ސްޓްރޫޓްމަން މެންޗެސްޓާ ޔުނައިޓެޑަށް ނުވިއްކާނެ ކަމަށް ރޯމާގެ ވެރިޔާ ޖޭމްސް ޕަލޯޓާ ވިދާޅުވެއްޖެ އެވެ.
ބީބީސީއަށް މައުލޫމާތު ދެއްވަމުން ރޯމާގެ ވެރިޔާ ޖޭމްސް ޕަލޯޓާ ވިދާޅުވީ، ނެދަލޭންޑްސްގެ ކުޅުންތެރިޔާ ވިއްކާލަން ބޭނުން ނުވާ ކަމަށާއި އެކަހަލަ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
" އަހަރެން މީގެ ކުރިންވެސް ބުނިން އެއީ ނުވާނެ ކަމެކޭ. ކެވިން ވިއްކާލުމުގެ އެއްވެސް ވިސްނުމެއް އަހަރެން ނުގެންގުޅެން. އަހަރެން ބޭނުން އޭނާ ކްލަބުގައި ބަހައްޓަން. މީހަކު އަދި ބޮޑު އަގެއް ހިފައިގެން އަޔަސް އޭނާ ކަހަލަ މޮޅު ކުޅުންތެރިއެއް ނުވިއްކޭން. ހުރިހާ އިރެއްގަައި ބިޒްނަސް ހަދަން އުޅެގެން ރަނގަޅެއް ނުވާނެހެން އަހަރެންނަށް ހީވަނީ،" ޕަލޯޓާ ވިދާޅުވި އެވެ.
ޕަލޯޓާ ވިދާޅުވީ، ހުރިހާ އެންމެން ހަދާހެން ފައިސާގެ ދަހިވެތިކަމުގައި ޓީމުގައި ތިބޭ މޮޅު ކުޅުންތެރިންތައް ނުވިއްކާނެ ކަމަށާއި ބޭނުންވަނީ މޮޅު ކުޅުންތެރިންގެ ޓީމެއްގެ މައްޗަށް އެކުލެވޭ ވަރުގަދަ ޓީމެއް އުފައްދަން ކަމަށެވެ.
މިދިޔަ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ސްޓްރޫޓްމަންއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ޚާއްސަގޮތެއްގައި މެނޭޖަރު ވެން ހާލް ވަނީ ސްޓްރޫޓްމަންގެ ކުޅުމަށް ތައުރީފްކޮށް ޔުނައިޓެޑަށް އެނާ ގެންނަން ބޭނުންވާކަމަށް ތަކުރާރުކޮށް ބުނެފައެވެ.
އުމުރުން 24 އަހަރުގެ މިޑްފީލްޑަރު މިހާރު ހުރީ މިއަހަރު ކުރީކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައެވެ. ނަމަވެސް ނޮވެމްބަރު މަހުގެ ނިޔަލަށް ސްޓްރޫޓްމަން އަނބުރާ ރޯމާގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ރިޕޯޓް ތައް ބުނެއެވެ.