11 Oct 2014, 16:36
އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގައި ހުރި އެމްޑީޕީގެ އޮފީހުގައި ބަޔަކު ހުޅުޖެހި މައްސަލަ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ) އިން ކުށްވެރިކޮށްފި އެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މިއަދު ސަން އަށް ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އެޅުމަކީ އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
"ސިޔާސީ ޕާޓީތަކަށް ހަރަކާތްތެރި ވެވެން ޖެހޭނެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް އެއްވެސް ބަޔަކު ގާނޫނާއި ގަވައިދުން ބޭރުން އެއްވެސް ސިޔާސީ ޕާޓީއަކާ ދެކޮޅަށް ކަންތައްތައް ހިންގުމަކީ އަޅުގަނޑުމެން އެމްޑީއޭ އިން ކުށްވެރި ކުރާ ކަމެއް،" އެމްޑީއޭގެ ސްޕޯކްސްޕާސަން ކަމުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އާމިރު ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރުގޭގައި ރޯކޮށްލި ހާދިސާ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމް އިން ވެސް ކުރިން ވަނީ ކުށްވެރިކޮށްފަ އެވެ. ރޭ އައްޑޫގައި ހިނގައި ދިޔަ އެ ހާދިސާ ޕީޕީއެމުން ކުށްވެރިކޮށްފައިވާ އިރު، އެ މައްސަލަ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ކުށްވެރިކުރައްވައި ޓުވީޓެއް ކުރައްވާފަ އެވެ.
އެމްޑީޕީގެ ފަރާތުން ރޭ އައްޑޫގައި ބޭއްވި ޖަލްސާއަށް ފަހު ހިނގި އެ ހާދިސާގައި އެ އޮފީސް އެއްކޮށް އަނދައި ހުލިވެފައިވާ އިރު، އަލިފާންގަނޑުގެ ސަބަބުން އެ އޮފީހާ ޖެހިގެން ހުރި "ކައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރަ ވެސް ވަނީ ރޯވެފަ އެވެ.
ނަމަވެސް އެ ހާދިސާއާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.