އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގައި ހުންނަ އެމްޑީޕީ އޮފީހުގައި ހުޅުޖަހައި ރޯކޮށްލި މައްސަލަ ވީއެންމެ އަވަހަކަށް ބަލައި އަވަސް ފިޔަވަޅު އެޅުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފި އެވެ.

ރޭ ހިނގައި ދިޔަ ހާދިސާ ކުށްވެރިކޮށް މިއަދު އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ކޮންމެ ބަޔަކު ކުރި ކަމުގައިވީ ނަމަވެސް އެފަދަ އަމަލުތަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ. އަދި ރޭގެ ހާދިސާ ހިނގާފައިވާ ގޮތް ބަލައި އަވަސް ފިޔަވާޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެޕާޓީން ވަނީ ގޮވާލާފަ އެވެ.

"އެފަދަ އަމަލުތައް ހިންގަމުން ގެންދާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލަން،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތަކީ ކޮންމެ ޕާޓީއަކަށް ވެސް ލިބެން ޖެހޭނެ ފުރުސަތެއް ކަމަށާއި ސިޔާސީ ޕާޓީތަކާއި އާންމުންގެ މުދަލަށާއި ފުރާނައަށް ގެއްލުންވާ އެފަދަ އަމަލުތަކާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރޭ އައްޑޫގައި ހިނގައި ދިޔަ އެ ހާދިސާ ޕީޕީއެމުން ކުށްވެރިކޮށްފައިވާ އިރު، އެ މައްސަލަ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ކުށްވެރިކުރައްވައި ޓުވީޓެއް ކުރައްވާފަ އެވެ.

އެމްޑީޕީގެ ފަރާތުން ރޭ އައްޑޫގައި ބޭއްވި ޖަލްސާއަށް ފަހު ހިނގި އެ ހާދިސާގައި އެ އޮފީސް އެއްކޮން އަނދައި ހުލިވެފައިވާ އިރު، އަލިފާންގަނޑުގެ ސަބަބުން އޮފީހާ ޖެހިގެން ހުރި "ހައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރަ ވެސް ވަނީ ރޯވެފަ އެވެ.

ނަމަވެސް އެ ހާދިސާއާ ގުޅިގެން ބަޔަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ