ރާއްޖޭގައި ސަގާފީ ކުޅިވަރެއްގެ ގޮތުގައި ދިވެހިން ކުޅެމުން އައި ބޮޑު ބެރަށް އިންގިލާބެއް ގެނެސްދިން ހަރުބީ ބޮޑުބެރު ގްރޫޕްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ކައިވެނިކޮށްފި އެވެ.

ބޮޑު ބެރުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ މަންޑޭ ކައިވެނި ކުރީ ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގަ އެވެ. މަންޑޭ ކައިވެނިކޮށްފައި ވަނީ އޭނާގެ ލޯބިވެރިޔާ ރަނާ އަހުމަދު ހަމީދު (ރާނީ) އާ އެވެ.

މަންޑޭގެ އަންހެނުންގެ ހެދުން ފަރުމާކޮށްފައި ވަނީ ރާއްޖޭގެ މައްޝޫރު ޑިޒައިނަރެއް ކަމުގައިވާ މުހައްމަދު ރިފްއަތު އެވެ.

މަންޑޭ އާއި އޭނާގެ އަންހެނުން ހަރުބީ ބޮޑު ބެރު ގްރޫޕާ އެކު -- ފޮޓޯ ހަރުބީ


އެ ކައިވެނި ހަފްލާ އެހާ ފުރިހަމަ ގޮތެއްގައި ބޭއްވުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ވާތީ އާއި އެކަމަށް ޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް އެ ދެ މީހުންގެ ފޭސްބުކްގައި ބުނެފައިވެ އެވެ.

މުނިފޫހިފިލުމުގެ ހަރަކާތްތަކާ އެކު ކުރިއަށް ގެންދިޔަ އެ ކައިވެނީގެ ހަފްލާގައި ހަރުބީ ބޮޑު ބެރު ގްރޫޕްގެ އިތުރުން ހިޔަނި ބޭންޑާއި ދި ފައިވްގެ ވެސް ވަނީ ލަވަތައް ހުށަހަޅައިދީފަ އެވެ.