މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގައި ހައްޔަރުކުރި ތިން ވަނަ މީހާ ވެސް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އުމުރުން 25 އަހަރުގެ އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު މީގެކުރިން ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރީ އެންމެ މީހެއް ކަމަށެވެ.

ރިޟުވާން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މާލޭ އާއި ހުޅުމާލޭ އާއި ވިލިމާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަށް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.

ފުލުހުން ބުނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތަހުގީގަށް ލިބިފައިވާ ފޮރެންސިކް ބައެއް ހެކިތައް އިތުރަށް ތަހުލީލު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.