11 Oct 2014, 15:29
ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ އެންމެ ފަހު މެޗުގައި އީގަލްސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ވެލެންސިއާ ކުރިހޯދައިފިއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ދެވަނަ ހާފުގެ 66 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ވެލެންސިއާގެ ޖާޒީ ނަންބަރު 16 އިސްމާއިލް އަހުމަދު އެވެ. އިސްްމާއިލް ގޯލް ޖަހާފައިވަނީ ވެލެންސިއާގެ އަލީ ހަމްދާން ފޮނުވާލި ހަމަލާ އޭވައިއެލްގެ ކީޕަރުގެ އަތުގައި ޖެހި ނުކުތް ވަގުތު ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ވެލެންސިއާ އިން މެޗުގައި ލީޑު ނެގުމަށްފަހު އޭވައިއެލްގެ ކުޅުންތެރިންވަނީ ކުޅުން ރަނގަޅު ކޮށް ވެލެންސިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
މެޗުގައި ދެޓީމަށްވެސް ގޯލް ޖަހާނެ މާގިނަ ފުރުސަތަތު ތަކެއް ލިބިފައިނުވިޔަސް އޭވައިއެލް އިންވަނީ ދެވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާގެ ގޯލަށް ދެތިން ހަމަލާއެއް ފޮނުވާލާފައެވެ. އީީގަލްސްގެ ޔަސްފާދު ހަބީބު ގޯލަށް އަމާޒުކޮށް ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަަކަށްވީ ވެލެންސިއާގެ ކީޕަރެވެ. އަދި ނޫމާން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރުބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށެވެ.
ރޭގެ މޮޅާއެކު ކްލަބް ވެލެންސިއާ އިން ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރު ނިންމާލީ ތޭރަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. އީގަލްސް 23 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތްއިރު އަދިވެސް އެންމެ ކުރީގައި 39 ޕޮއިންޓާއެކު އޮތީ ނިއުރޭޑިއަންޓް އެވެ.
ދިވެހި ލީގުގެ ދެވަނަ ބުރު ނިމިގެން ދިޔަ އިރު ގަދަ ހަޔަކުން ޖާގަ ނުލިބި ރެލިގޭޝަން އާ ކުރިމަތިލި ދެޓީމަކީ ބީޖީ ސްޕޯޓްސް އާއި އޯލްޔޫތް ލިންކޭޖް އެވެ. މި ދެޓީމްވެސް ވަނީ ދެވަނަ ބުރުގައި ކުޅުނު އެންމެ ފަހު މެޗުން ބަލިވެފައެވެ. އޭވައިއެލް އަށް ނިއުރޭޑިއަންޓް އަތުން ސަލާމަތް ނުވެވުނު އިރު މާޒިއާ އާކުޅެ ބޮޑު ތަފާތަކުން ބީޖީ ވަނީ ބަލިވެފައެވެ.