ރާއްޖޭގެ ޓީވީ ޗެނަލްތައް ދެއްކުމަށް އެ ޗެނަލްތަކުން ފީ ނެގުމުގެ ފުރުސަތު ކޭބަލް ޓީވީ އޮޕަރޭޓަރު "މީޑިއާ ނެޓް" އަށް ފުރުސަތު ދިނުމަކީ އެ ޗެނަލްތައް ނައްތައިލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރާވައިގެން ކުރި ކަމެއް ކަމަށް ދެކޭ ކަމަށް މީޑިއާ ލޮބީ ގްރޫޕުން ބުނެފި އެވެ.

އެ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ހާލަތަކަށް ކަންތައްތައް ދިއުމުން ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އެކަން ބައްލަވައި ދެއްވުން އެދޭ ކަމަށެވެ.

"... ބޭރުގެ ފްރީ ޓު އެއާ ޗެނަލްތައް ވެސް ހިމަނާފައިވާ ކަމާއި ބޭރުގެ އެހެން ޗެނަލްތައް ކޭބަލް ޓީވީގައި ހިމަނާފައި ވަނީ އެ ޗެނަލްތަކަށް ކޭބަލް އޮޕަރޭޓަރު ފައިސާ ދައްކައިގެން ކަމަށްވާ އިރު، ދިވެހި ޗެނަލްތަކުން ކޭބަލް ޓީވީ އޮޕަރޭޓަރަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބާރުއަޅާކަމީ، ދިވެހި ޓީވީ ޗެނަލްތައް ނައްތައިލަން ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަރަށް ބޮޑަށް ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް މި ގްރޫޕުން ތުހުމަތު ކުރަމެވެ. މިފަދަ ޙާލަތަކަށް މިކަން އައުމުން ދައުލަތުގެ އެންމެ އިސްވެރިޔާ މިކަން ބެއްލެވުން ލާޒިމުވެއްޖެ ކަމަށް މި ގުރޫޕުން ދެކެމެވެ."

ސިޓީގައި އަދި ބުނެފައި ވަނީ ބްރޯޑްކާސްޓިންގް ކޮމިޝަންގެ މައްޗަށް ކޮރަޕްޝަނުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮތީތީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެ މައްސަލަ ބައްލަވައިދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އެއްވެސް ކަމެއްގައި ބްރޯޑްކާސްޓަރުންގެ ލަފާ ނުހޯއްދަވާ ކަމާއި މަލާމާތް ކުރައްވާ ކަމުގެ ޝަކުވާ ވެސް ލޮބީ ގްރޫޕުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

".. މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން ހިންގެވުމަށް އެންމެ އިސްކޮށް ތިއްބެވި ދެ ބޭފުޅުން ކަމަށްވާ އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އެއްވެސް ކަމެއްގައި ބްރޯޑްކާސްޓަރުންގެ ލަފައެއް ނުވަތަ މަޝްވަރާއެއް ނުހޯދާ ކަމަށާއި ބްރޯޑްކާސްޓަރުންނަށް ހަރުކަށި ބަސްތަކުން މަލާމާތް ރައްދުކޮށް މުޢާމަލާތް ކުރަމުންދާކަން ވެސް ފާހަގަ ކުރެވޭކަމަށް މިފުރުޞަތުގައި ދަންނަވަމަވެ،" އެ ބަޔާނުގައިވެ އެވެ.