11 Oct 2014, 13:37
މަރުވެފައި އޮންނަ މީހެއްގެ ފުއްޕާމޭގައި ޖަމާވެފައިވާ ވައިކޮޅެއް ބޭރުވިޔަސް އެއީ އެމީހާ ދިރި ހުރި ކަމުގެ ނިޝާނެއް ކަމަށް ބަޔަކަށް ހީވެދާނެ ކަަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ހެނދުނު މަރު ކަށަވަރުކުރުމަށް ފަހު އާ ސަހަރާއަށް ގެން ދިޔަ ތ. ބުރުނީ ޖަވާހިރުވާދީ، އަހުމަދު އިބްރާހިމް،88، މަރުނުވާ ކަމަށް ބުނެ، އަނބުރާ އައިޖީއެމްއެޗަށް ގެންދިއުމާ ގުޅިގެން އެ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމީހާއަކީ މިމަހުގެ 7 ވަނަ ދުވަހު އައިޖީއެމްއެޗަށް ގެންގޮސް، ޖެހިގެން އައި ދުވަހު ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު އޭނާގެ ހާލު ބޮޑުވެގެން ޑޮކްޓަރުން އިމަޖެންސީގައި އޭނާ އަށް ފަރުވާދެމުން ގެންދަނިކޮށެވެ.
ސަހަރާގައި އޭނާ ހިނެވުމުގެ ކަންތައްތައް ކުރަން އުޅުނު މީހުންނަށް އެމީހާ ނޭވާލާ ކަމަށް ހީވެގެން އައިޖީއެމްއެޗަށް އަނބުރާ ފޮނުވި ނަމަވެސް އިމަޖަންސީ ރޫމަަށް ގެންގޮސް އެތަނުން ބެއްލެވި މެޑިކަލް އޮފިސަރުންނާއި ހާއްސަ ޑޮކްޓަރު އޭނާ މަރުވެފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
"ބޮޑަށް ބަލިވެ އުޅެފައި މަރުވާ މީހުން، ހާއްސަކޮށް ސީޕީއާރު (ފުއްޕާމެޔާއި ހިތް ހުއްޓުމުން ދޭ ކުއްލި ފަރުވާ) ދެވިފައިވާ މީހުން މަރުވުމަށް ފަހު ހަށިގަނޑުގެ މަސްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ގުނަވަނެއްގެ ހަރަކާތެއް ފެނުމަކީ ބައެއް ފަހަރު ދިމާވާ ކަމެކެވެ. އަދި ފުއްޕާމޭގައި ޖަމާވެފައިވާ ވައިކޮޅެއްގެ ބޭރުވުމަކީ ވެސް މި ހާލަތުގައި އެކަށީގެންވާ ކަމެކެވެ. އަދި އެ ކަހަލަ ކަމެއް ފެންނަ އާއްމުންގެ މީހަކަށް އެއީ ދިރި ހުރި ކަމުގެ ނިޝާނެއް ހެން ހީވެދާނެ އެވެ،" އެ ނޫސްބަޔާނުގައިވެ އެވެ.
އެމީހާ ދެވަނަ ފަހަރަށް އެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އައިސީޔޫގައި ފަރުވާދިން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންގެންދާ ވާހަކަތައް އައިޖީއެމްއެޗުން ވަނީ ދޮގުކޮށްފަ އެވެ.
އެ މީހާ މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނަކަށް ފަހު މިއަދު ހެނދުނު ވެސް ގަދަވެ އުޅުމަށް ފަހު، ކުއްލިއަކަށް ހާލު ދެރަވެގެން ފަރުވާދެމުން ގެންދަނިކޮށް ކަމަށް އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ. އެމީހާ ހިނެވުމަށް ފަހު މޫނު ދެއްކުމާއި ކަށުނަމާދު އަސުރު ނަމާދަށް ފަހު ކުރުމަށް އާއިލާއިން ވަނީ ނިންމައިފަ އެވެ.