އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގައި ހުންނަ އެމްޑީޕީ އޮފީހުގައި އަލިފާންރޯކޮށްލި ހާދިސާއާ ގުޅިގެން ބަޔަކު ހޯދަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ރޭ 11:40 އެހާކަންހާއިރު އެމްޑީޕީ އޮފީހުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި "ހައްޓި ހިތްވަރު" ނަމަކަށް ކިޔާ ފިހާރައަށް ވެސް ފެތުރިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހާދިސާގައި އެ އޮފީހުގައި ހުރި ހުރިހާ މުދަލަކާ އެކު މުޅި އިމާރާތް އަނދައި ހުލިވެފައިވާ އިރު، 600،000 ރުފިޔާގެ ގެއްލުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.