އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އޮފީހުގައި އަލިފާން ރޯކޮށްލި މައްސަލަ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރިކުރައްވައިފި އެވެ.

މައުމޫން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އައްޑޫގައި ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުންތަކަށް ރާއްޖޭގައި ދުވަހަކު ވެސް ޖާގަދީގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"އައްޑޫ ސިޓީގައި ރޭ ހުޅުޖެހި މައްސަލަ ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރިކުރަން،" މައުމޫން ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.



ރޭގެ ވަގުތެއްގައި އެމްޑީޕީ އޮފީހުގައި ރޯވި އެ އަލިފާންގަނޑުގެ ސަބަބުން ޖެހިގެން ހުރި "ހައްޓި ހިތްވަރު"ނަމަކަށް ކިޔާ ފިހާރަ ވެސް ވަނީ ރޯވެފަ އެވެ.

އެ ހާދިސާގެ ސަބަބުން ހަ ލައްކަ ރުފިޔާގެ ގެއްލުންވާނެ ކަމަށް އެ ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.