11 Oct 2014, 12:40
އިލެކްޓްރޯނިކް ސާމާނު ވިއްކުމުގައި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ސެމްސަންގް ކުންފުނިން ނެރެމުން އަންނަ ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފޯން، ސެމްސަން ނޯޓް 4 ރޭ ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
ނޯޓު ހަތަރެއް ރޭ ރާއްޖޭގައި ވިއްކަން ފަށާފައިވާ ފިހާރަތަކުގެ ތެރޭގައި މޮބައިލް ފޯނު ވިއްކުމުގައި މަޝްހޫރު އެލްމޮބައިލްސް އާއި ޑްރީމްސް މޮބައިލްސް ފަދަ ފިހާރަތައް ހިމެނެ އެވެ. އެ ދެ ފިހާރައިން ވެސް ނޯޓް 4ގެ އަގު އުޅެނީ 15500 ރުފިޔާ އާއި 16000 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ސެމްސަންގް އިން ބުނީ ސެމްސަންގް ނޯޓް 4 ގައި ނޯޓް 3ގެ ސްކްރީނަށް ވުރެ 5.7 އިންޗީގެ ކްރިސްޓަލް ކްލިއާ ފުލް އެޗްޑީ، 1440 ޕިކްސަލްގެ ޑިސްޕްލޭއެއް ހިމެނޭނެ ކަމަށެވެ. އަދި ނޯޓް 3ގައި ހިމެނޭ 13 މެގަޕިކްސް ކެމެރާ އާއި ހިލާފަށް އެފޯންގައި 16 މެގެޕިކްސްގެ ކެމެރާއެއް ހިމަނާފައިވާ އިރު 2.7ގިގަ ހާޓްޒްގެ ކުއެޑްކޯ ޕްރޮސެސާއަކާއި ތިން ޖީބީގެ ރެމް އެއްވެސް ހިމަނާފައިވާނެ ކަމަށެވެ.
ސެމްސަންގް ނޯޓުގައި ހިމެނޭ ބައެއް މުހިއްމު ފީޗާ އަށް ބަލާއިރު އެ ފޯންގައި ހިމެނޭ މައިކްރޯ ޔޫއެސްބީ 3.0 ޕޯޓް ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރުން "ސެލްފީ" ނަގަން ހާއްސަ 3.7 މެގަޕިކްސްގެ ފްރަންޓް ކެމެރާއެއް ހިމަނާފައިވާ އިރު 180 ޑިގްރީ ވައިޑް އޭގަލްއެއްގެ ފޮޓޯ ނެގެ އެވެ.
ނޯޓް ސީރީސްގައި ހިމެނޭ އެސް ނޯޓް ފީޗާ ވެސް ހިމަނާފައިވާ އެފޯންގައި އެއް ސްކްރީނެއްގައި އެކި އެޕްލިކޭޝަންތަކުގެ ވިންޑޯ އެއްފަހަރާ ހުޅުވަން ބޭނުން ކުރާ މަލްޓި ވިންޑޯ ފީޗާގެ އިތުރުން ހާޓްރޭޓް ސެންސާ އަކާއި ޕާސްވޯޑް ޖެހުމަށް ހާއްސަ ފިންގަޕްރިންޓް ސެންސާއެއް ވެސް ހިމެނެ އެވެ.
ރާއްޖޭގައި މިއަދު ނޯޓް 4 ވިއްކަން ފަށާފައިވާ އިރު، ދުނިޔޭގައި އެފޯން ދައްކާލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ސެމްސަންގްގެ މި ފޯނަކީ އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރެފައިވާ އައިފޯން6 އާއި ވާދަކޮށްލެވޭ ވަރުގެ ފޯނެކެވެ.