11 Oct 2014, 12:25
އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގް އުން އާންމުންނަށް ނުފެނި ފަސް ހަފްތާ އަށް ވުރެ ގިނަ ދުވަސްވާން ފެށުމުން ގައުމުގެ ބޮޑުންގެ މެދުގައި ކަންބޮޑުވުން އުފެދެން ފަށާފައިވާ ކަމަށް 'ސިޑްނީ މޯނިންގް ހެރަލްޑް' އިން ބުނެފި އެވެ.
އޮސްޓްރޭލިއާގެ 'ސިޑްނީ މޯނިންގް ހެރަލްޑް އިން ނާއި ނިއުޔޯކް ޓައިމްސް އިން މިއަދު ބުނީ އިއްޔެ އޮތް -ވެރިކަން ކުރާ ވޯކާސް- ޕާޓީގެ އަހަރީ ޖަލްސާ އިން ކިމް ނުފެނުމުން ކިމް،31،ގެ އަތުން ބާރުތައް ހިނގައްޖެ ކަމަށް ބަޔަކަށް ބެލެވި ގިނަ ސުވާލުތަކެއް ކުރިމަރިވެފައިވާ ކަމަށެވެ.
ކިމް ވީތަނެއް ނޭނގި ވަނިކޮށް ހަފުތާއެއް ތެރޭގައި ދެ ވަނަ ފަހަރަށް އިއްޔެ ވަނީ ދެކޮރާގެ ސަރަހައްދީ ރޮނގުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ސީނިއާ އެނަލިސްޓެއް ކަމަށްވާ ޗިއޮންގް ސޮންގް ޗެން ބުނީ އުންގެ ސިއްހަތާ ގުޅިގެން އުތުރު ކޮރެއާގެ މަތީ މަގާމުތަކުގެ ބޭފުޅުންގެ މެދުގައި ކަންބޮޑުވުން އުފެދޭނެ ކަމަށެވެ.
"ކިމްގެ ސިއްހަތާ ގުޅިގެން އުތުރު ކޮރެއާގެ ލީޑަރުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދޭނެ ކަމާ މެދު އެއްވެސް ޝައްކެއް އަޅުގަނޑަކަށް ނެތް،" ޗެން ބުންޏެވެ.
މިދިޔަ މަހު ތިނެއްގައި ކޮރު ފަޔަކާ އެކު އާންމުންނަށް ފެނުމަށް ފަހު ކިމް ވަނީ "އާންމުންގެ ލޯތަކަށް ގެއްލިފަ" އެވެ. އަދި އުތުރު ކޮރެއާގެ ސްޓޭޓް ޓީވީ އިން ބުނީ ކިމް އުޅުއްވަނީ "ބަލިކޮށް" ކަމަށެވެ. ކިމްގެ ސިއްހަތާ ބެހޭ ގޮތުން މީޑިއާ އިން ވާހަކަ ދެއްކުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ވަނީ އިތުރު ވެފަ އެވެ.
ކޮރެއާގެ 'ޗޯސަން އިލްބޯ' ނޫހުން ބުނި ގޮތުގައި ތަނބިކަށީގެ ސާޖަރީއެއް ހެދުމަށް މިދިޔަ މަހު 30 ވަނަ ދުވަހު ކިމް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެލީޓުން ނޫނީ މިލިޓަރީ ބޮޑުން ވަނީ ކިމްގެ އަތުން ދައުލަތުގެ ބާރުތައް ލުހެލައިފަ އެވެ. ނަމަވެސް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ބުނަނީ އެ ވާހަކަތައް ގަބޫލު ކުރަން ދަތި ކަމަށާއި އުތުރު ކޮރެއާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާ ކަމުގެ އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި މިލިޓަރީ ޓްރޫޕްސްތަކުން އާދަޔާ ހިލާފު ކަމެއް ވެސް ނުފެންނަ ކަމަށެވެ.
ވައިޓް ހައުސް އިން އިއްޔެ ބުނަނީ އުތުރު ކޮރެއާގައި ބަޣާވާތެއް ގެނައި ކަމަށް ފަތުރާ ހަބަރުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.