11 Oct 2014, 11:49
ބައިނަލްއަގުވާމީ ޒުވާނުންގެ ހަރަކާތްތަކާ ގުޅުވައިގެން ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީ އިން އިންތިޒާމު ކުރި ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.
ނޭޝަނަލް އާޓު ގެލެރީގައި ކުރިއަށްދާ އެ އާޓް ކޮމްޕެޓިޝަން މިއަދު ހެނދުނު ރަސްމީކޮށް ފައްޓަވައި ދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތު އެވެ.
އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ސައުދަތު އަފީފު ވިދާޅުވީ "މެންޓަލް ހެލްތު މެޓަރސް"ތީމަށް އަމާޒުކޮށްގެން ކުރިއަށްދާ އެ އާޓް ކޮމްޕެޓިޝަން މިއަދު ހަވީރާ ހަމައަށް ކުރިއަށްދާ އިރު އެ ކޮމްޕަޓިޝަންގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވިފައިވާ ކަމަށެވެ. އެގޮތުން 16 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށް ސައުދަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ "މެންޓަލް ހެލްތު މެޓަރސް"ފަދަ ކަމަކަށް ޒުވާނުން ހޭލުންތެރިކޮށް އަހުލުވެރިކުރުވައި އެފަދަ ކަންކަމާ މެދު ޒުވާނުންގެ ހިޔާލުތަކާއި ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ. އަދި އާޓް ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ވެސް އެ މުބާރާތުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުބަރާތް މިއަދު ހަވީރު ނިންމާލުމަށް ފަހު މުބާރާތުގައި ކުރަހާފައިވާ ކުރެހުންތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ފަހު އެ ފަރާތްތަކަށް އިނާމު ދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.