11 Oct 2014, 10:51
މަރުވެއްޖެ ކަމަށް ޑޮކްޓަރުން ނިންމައި އާސަހަރާ އަށް ގެންދިޔަ މީހަކު، ހޭއެރި ކަމަށް ބުނެ އަނބުރާ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
މަރުވެގެން އައިޖީއެމްއެޗުން އާ ސަހަރާ އަށް ގެންގޮަސްފައި ވަނީ ތ. ބުރުނީ ޖަވާހިރުވާދީ، އަހުމަދު އިބްރާހިމް،88، އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެމީހާގެ މަރު ޑޮކްޓަރުން ސާބިތު ކުރުމަށް ފަހު އައިޖީއެމްއެޗުން ސަހަރާ އަށް ގެންދިޔައީ މިއަދު ހެނދުނު 8:20 އެހާކަންހާ އިރު ކަމަށާއި އެމީހާ މަރުނުވާ ކަމަށް ސަހަރާ އިން ބުނުމުން އޭނާ ދެވަނަ ފަހަރަށް ހެނދުނު 9:40 ހާކަންހާއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް އެމީހާ ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބެއްލެވުމަށް ފަހު އޭނާ މަރުވެފައިވާ ކަމަށް ދެ ވަނަ ފަހަރަށް ވެސް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އާއިލާއިން ވާހަކަ ދެއްކެވި އޭނާގެ ކާފަ ދަރިއަކު މިއަދު ސަން އަށް ބުނީ އައިޖީއެމްއެޗަށް ކާފަ ގެންދިޔައީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޮލުގެ ސާޖަރީއެއް ހެދުމަށް ކަމަށާއި ބުރާސްފަތި ދުވަހު ކުރި ސާޖަރީއަށް ފަހު މިއަދު ހެނދުނު ވެސް ކާފަ ވާހަކަ ދައްކައި ހަދާފައިވާ ކަމަށެވެ. ނަމަވެސް ކާފަ މަރުވީ މިއަދު ހެނދުނު ވޯޑުގައި އޮއްވައި ކުއްލިއަކަށް ހާލު ދެރަވެގެން ޑޮކްޓަރުން ބައްލަވަމުން ގެންދަވަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.
"ކާފަ ވެއްޓިގެން ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރުވާ ހޯދަމުން ގެންދިޔައީ ފުރަތަމަ އޭޑީކޭ އިން. ޑޮކްޓަރުން ވިދާޅުވީ ވެއްޓުމުގެ ސަބަބުން ސިކުޑިއަށް ލޭ އެޅިފައިވާ ކަމަށާއި އޮޕަރޭޝަނެއް ކޮށްގެން އެ ލޭކޮޅު ނަގަން ޖެހޭ ކަމަށް. އެހެންވެ ސާޖަރީއެއް ކުރަން އައިޖީއެމްއެެޗަށް ގެންދިޔައީ،" އޭނާގެ ކާފަ ދަރިއަކު ބުންޏެވެ.
އާއިލާ އިން ބުނީ މިހާރު އަނެއްކާ ވެސް އޭނާ އައިޖީއެމްއެޗުން ސަހަރާ އަށް ގެންގޮސް ހިނެވުމުގެ ކަންތައްތައް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި މޫނު ދެއްކުމާއި ކަށުނަމާދު އަސުރު ނަމާދަށް ފަހު ކުރުމަށް ހަމަޖައްސަމުން އަންނަ ކަމަށެވެ.
އަހުމަދު އިބްރާހިމަކީ 2005 ވަނަ އަހަރުން ފެށިގެން އާއިލާއާ އެކު މާލޭގައި ވަޒަންވެރިވެން އުޅޭ މީހެއް ކަމަށް ވެސް އާއިލާ އިން ބުންޏެވެ.