އެމްޑީޕީ އިން ރޭ އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި ޖަލްސާ އަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ޖަލްސާގެ ތެރެއަށް ވަދެ، ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށް ގާއުކުމުގެ ސަބަބުން ރޭ 16 މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރެއިން ނުވަ މީހުން ރޭ ދޫކޮށްލާފައިވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ގާއުކުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ހަރަކާތްތެރިވި ތިން ފުލުހަކަށް ވެސް ވަނީ އަނިޔާލިބިފަ އެވެ. އަދި އޭގެ ތެރެއިން އެކަކަށް އަދިވެސް ފޭދޫ ސިއްހީ މަރުކަޒުން ފަރުވާދެމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"އަވަސް އޭށުން، އެކަނިއަސް އޭށުން"ގެ ނަމުގައި ރޭ ފޭދޫގައި ކުރިއަށްދިޔަ ޖަލްސާއަށް ފަހު، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ އޮފީހުގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި އިމާރާތް އެއްކޮށް ވަނީ އަނދައި ހުލިވެފަ އެވެ. އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.