23 Jan 2011, 15:31
ރާއްޖެއަކީ ޓެރަރިސްޓުން އުޅޭ ގައުމެއްގެ ގޮތުގައި ސަރުކާރުން ކެނޑި ނޭޅި ސިފަކުރަމުންދާ ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް )އައިއެފްއެމް( ބުނި ބުނުމަށް ސަރުކާރުން އިންކާރުކޮށްފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އައިއެފްއެމް އިން އެގޮތަށް ދިވެހި ސަރުކާރުގެ މައްޗަށް ތުހުމަތުކޮށް ބަޔާން ނެރެފައި ވަނީ އޮޅުމެއްގެ ތެރޭގައި ތިއްބަވައިގެން ހަގީގަތާ ހިލާފު ވާހަކަތަކަކާ ހަވާލާދީގެން ކަމަށެވެ.
"ދިވެހި ސަރުކާރު އެއް އިރެއްގައި ވެސް ރާއްޖެއަކީ ޓެރަރިސްޓުން އުޅޭ ގައުމެއްގޮތުގައި ސިފައެއް ނުކުރޭ، ނުވެސް ކުރާނެ. އެބޭފުޅުންނަށް އޮޅިވަޑައިގެން ހަގީގަތާ ހިލާފު ވާހަކަތަކަކަށް ހަވާލާދީ އެހެން އެ ވިދާޅުވަނީ،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ އައިއެފްއެމް އިން ބަލައިގެން އުޅެނީ އިންޑިޔާގެ "ދަވީކް"ގައި ހޯމް މިނިސްޓަރު ހަސަން އަފީފާއި ޑރ. އަހުމަދު ޝަހީދު ވިދާޅުވި ކަމަށް ބުނާ ވާހަކަތަކަކަށް ކަމަށެވެ. އެ މަޒުމޫނުގައި އެ ދެ ބޭފުޅުންނާ ހަވާލާދެއްވާފައި ނުވާ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
"އެ މަޒުމޫނުގައި އޮންނަނީ އެ މަޒުމޫން ލިޔުނު ފަރާތުން ދެކޭ ގޮތް. ފަހަރެއްގައި ވެސް އެ ދެބޭފުޅުންނާ ހަވާލާދީފައެއް ނޯވޭ." ޒުހައިރު ވިދާޅުވި އެވެ. "އެހެންވީމާ ހަގީގަތާ ހިލާފު ވާހަކައަކަށް އެ ހަވާލާދެއްވަނީ، އޮޅިވަޑައިގަތުމެއްގެ ތެރޭގައި،"
ޒުހައިރު ވިދާޅުވީ ރާއްޖެއަކީ ޓެރަރިސްޓުން އުޅޭ ގައުމެއްގެ ގޮތުގައި ސަރުކާރުން ސިފަ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"ސަލްޓަން ޕާކްގެ ބޮމުގެ ވާހަކަ އާއި ހިމަންދޫ މައްސަލަ އާއި ބަޑި ހިފައިގެން ޕާކިސްތާނުގެ ތެރޭގައި ދުވަނިކޮށް އޮބައިގަތް މީހުންގެ ވާހަކައަކީ އަދި އެހެން ވާހަކައެއް،" ޒުހައިރު ވިދާޅުވި އެވެ.
އައިއެފްއެމް އިން އިއްޔެ ނެރުނު ބަޔާނުގައި ބުނަނީ ރާއްޖޭގައި ދީނީ ކަންކަމުގައި މީހުންގެ ހޭލުންތެރިކަން އިތުރުވެ، ގައުމުގެ ގިނަ އަދެއްގެ ބަޔަކު ދީނީ ކަންކަމަށް ލޯބި ކުރަން ފެށުމުން ސަރުކާރުން އެ ކަމާމެދު ކަން ބޮޑުވާ ކަމަށެވެ. އަދި ރާއްޖެއަކީ ޓެރަރިސްޓުން އުޅޭ ގައުމެއްގެ ގޮތުގައި ސިފަކުރަން ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ.