ވޮޝިންޓަން (އޮކްޓޯބަރ 11): އިސްރާއީލުން ތަޅައި ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ނަމުގައި ގާހިރާގައި މާދަމާ ފެށޭ ކޮންފަރެންސްގައި ގިނަ ގައުމުތަކެއް ބައިވެރިވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެގައުމުތަކުން ފައިސާގެ އެހީ ދޭނެ ކަމުގެ ޔަގީންކަން ނެތްކަމަށް އެމެރިކާ ބުނެފި އެވެ.

މި ކޮންފަރެންސް އިންތިޒާމް ކުރުމުގެ ކަންތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ރޮއިޓާސް ބުނީޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ހަ ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެފައިވާ އިރު އެ އަދަދާ ގާތްކުރާ މިންވަރަށް ވެސް ފައިސާާގެ އެހީ ދިނުމަށް އެ ކޮންފަރެންސްގައި ބައިވެރިވާ ގައުމުތަކުން އެއްބަސްވާނެ ކަމުގެ އުންމީދު ކުޑަ ކަމުގަ އެވެ. ޣައްޒާ އަލުން ބިނާކުރުމަށް ފައިސާ ޚަރަދު ކުރުމަށް ގައުމުތަކުން ފަސްޖެހެނީ ފަލަސްތީނުގެ މައްސަލަ ވަކިކޮޅެއްގައި ނުޖެހި އެ މައްސަލަ ޙައްލުވެފައިނުވާތީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އިސްރާއީލާ ދެމެދު އަނެއްކާ ވެސް ޣައްޒާގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.

ފަލަސްތީނުގެ މައްސަލަ ޙައްލު ކުރުމަށް އިސްރާއީލު ބޭނުންވަނީ އެކަމަށް ޓަކައި އދ. ން ފާސްކޮށްފައިވާ ގަރާރުތަކުން ބޭރުގަ އެވެ.

މިގޮތުން ފަލަސްތީނުގެ މައްސަލަ ޙައްލު ކުރުމަށް އިސްރާއީލު ބޭނުންވަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ބިމުން އިސްރާއީލު ސިފައިން ނުފައިބާ ގޮތަށެވެ. މިއީ މިކަމާބެހޭ ގޮތުން އދ. އިން ފާސްކޮށްފައިވާ ގަރާރުތަކާ މުޅިން ޚިލާފު ކަމެކެވެ. އަދި ފަލަސްތީނުގައި އިޢްލާންކުރާ މިނިވަން ދައުލަތަކީ ވެސް އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހަތިޔާރުނެތް ދައުލަތަކަށް ހެދުމަށް އިސްރާއީލު ބޭނުންވެ އެވެ. މީގެ އިތުރުން ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ހަ މިލިޔަން ރައްޔިތުން އެމީހުންގެ ވަޒަނަށް ރުޖޫއަވުމުގެ ހައްގުން މަހްރޫމް ކުރުން ވެސް ފަލަސްތީނުގެ މައްސަލަ ހައްލު ކުރުމަށް އިސްރާއީލު ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެމެރިކާ ގެންދަނީ އިސްރާއީލުގެ މިސިޔާސަތުތަކަށް ނުސީދާ ގޮތެއްގައި ތާއީދުކޮށް އިސްރާއީލު އެދޭގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ފަލަސްތީނުގެ ސަރުކާރަށް ނުސީދާ ގޮތެއްގައި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މިކަމަށް ފަލަސްތީނުން ދެކޮޅު ހަދާތީ ފަލަސްތީނުގެ މައްސަލަ ޙައްލުވުން ވަނީ މުސްތަހީލް ކަމަކަށް ވެފަ އެވެ. ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މާދަމާ ގާހިރާގައި ބާއްވާ ކޮންފަރެންސްގައި ތެލުގެ ގޮތުން މުއްސަނދި ގަލްފުގެ އަރަބި ގައުމުތަކުގެ އިތުރުން އިސްރާއީލަށް ތާއީދުކުރާ ޔޫރަޕްގެ ބައެއް ގައުމުތަކާއި ޖަޕާން ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

މީގެ ތެރެއިން ގަލްފުގެ އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކަކީ ޣައްޒާގައި ހަމާސް ޖަމާއަތުގެ ކޮންޓްރޯލް އޮތުމަށް ދެކޮޅު ހަދާ ގައުމުތަކެކެވެ. އެހެންކަމުން ޙަމާސްގެ ކޮންޓްރޯލް ޣައްޒާއަށް އޮންނަހާ ހިނދަކު ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ފައިސާ މިގައުމުތަކުން އެކަށީގެންވާ މިންވަރަކަށް ދޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. (ރޮއިޓާސް)