11 Oct 2014, 09:28
ވޮޝިންޓަން (އޮކްޓޯބަރ 11) : ސޫރިޔާގެ ވެރިކަމުގެ ނިޒާމް ވައްޓާލުމަށް މަސައްކަތްކުރާ "މެދުމިނުގެ" ހަނގުރާމަވެރިން ނަށް އަސްކަރީ ތަމްރީން ދިނުމާއި ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާ އަށް އެހީތެރިވެ ދިނުމަށް ތުރުކީ ސަރުކާރުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ހާމަކޮށްފި އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މޭރީ ހާފް ވިދާޅުވި ގޮތުގައި ތުރުކީން މިކަމަށް އެއްބަސްވެފައި ވަނީ އެމެރިކާގެ މަންދޫބެއްގެ ގޮތުން ތުރުކީއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ރިޓަޔަޑް ޖެނެރަލް ޖޯން އެލަން ތުރުކީގެ ލީޑަރުންނާ ކުރެއްވި މަޝްވަރާތަކުގަ އެވެ. ޖޯން އެލަންއަކީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ އެކުލަވާލާފައިވާ އިއްތިޙާދުގެ ގައުމުތަކުން އިރާގާއި ސޫރިޔާގައި ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތައް ވިލަރެސްކުރުމަށް އެމެރިކާ އެކަށައަޅާފައިވާ ފަރާތް ވެސްމެ އެވެ. އޭނާ އިއްޔެ ވަނީ ތުރުކީގެ ބޮޑުވަޒީރު އަޙްމަދު ދާވޫދު އާއި ތުުރުކީގެ ޚާރިޖީ ވަޒީރު އާ ބައްދަލުކުރައްވާފަ އެވެ.
ސޫރިޔާގެ ވެރިކަމުގެ ނިޒާމް ވައްޓާލުމަށް މަސައްކަތްކުރާ "މެދުމިނުގެ" ހަނގުރާމަވެރިންގެ ގޮތުގައި އެމެރިކާ ސިފަކުރަނީ ސޫރިޔާގެ އެންމެ ބޮޑު އިދިކޮޅު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ފްރީސީރިޔަން އާމީ ޖަމާއަތަށެވެ. މިއީ ހުޅަނގަށް ތާއީދުކުރާ ޖަމާއަތެކެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކުރުމުގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރެކޭ އެއްގޮތަށް މިޖަމާއަތުގެ ދައުރުވެސް ވަރަށް ބޮޑެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި އެގައުުމުގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އިއްޔެވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމަށް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް ރައްދު ކުރައްވާފަ އެވެ. އެދެބޭފުޅުން ބައްޝާރުގެ ވެރިކަމުގެ ނިޒާމް ސިފަކުރައްްވާފައި ވަނީ އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތްފަދަ އަނިޔާވެރި ބައެއްގެ ގޮތުގަ އެވެ.
ސޫރިޔާގެ ވެރިކަމުގެ ނިޒާމް ވައްޓާލުމަށް މަސައްކަތްކުރާ "މެދުމިނުގެ" ހަނގުރާމަވެރިން ނަށް އަސްކަރީ ތަމްރީން ދިނުމާއި ހަތިޔާރު ފޯރުކޮށްދިނުމުގައި ތުރުކީގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެގައުމުން ދީފައިވާކަން އެމެރިކާ ހާމަކުރި ނަމަވެސް މިކަން ތުރުކީ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ތުރުކީ ވެއްދުމަކީ އެމެރިކާގެ މަގްސަދެއް ކަމަށާ މިދަލުގައި ތުރުކީ ނުޖެހޭނެ ކަމަށް މުޙައްލިލުން ބުނެ އެވެ. (އަލްއަރަބިއްޔާ)