11 Oct 2014, 01:03
ސްޕެޝަލް އިމޮނޮމިކް ޒޯން (އެސީޒެޑް) ގާއިމް ކުރުމަކީ ދުނިޔޭގައި ނާކާމިޔާބުވެފައިވާ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ފޭދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ވިސްނުމަކީ ދުނިޔޭގައި ނާކާމިޔާބުވެފައިވާ ވިސްނުމެއް ކަމަށާއި ބައެއް ގައުމުތަކުގައި އެސްއީޒެޑު ކާމިޔާބު ކަމާއެކު ގާއިމްކުރެވެނީ ހުނަރުވެރި ބޮޑު އާބާދީއެއް އޮވެ އެމީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދެވި އުފެއްދުންތެރިކަން އިތުރުކުރެވިގެން ކަމަށެވެ.
"އެ ވިދާޅުވި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ވިސްނުމަކީ ދުނިޔޭގައި ނާކާމިޔާބުވެފައިވާ ވިސްނުމެއް. ކާމިޔާބުވާ ހާލަތްތަކުގައި ވެސް ކާމިޔާބު ވަނީ އާބާދީއެއް އިންތިހާއަށް ބޮޑުވެ، އަދި ވަކިން ޚާއްސަކޮށް ހުނަރުވެރި އާބާދީއެއް ބޮޑުވެ، އެ އާބާދީގައިވާ އެންމެހައި މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެވި އުފެއްދުންތެރިކަން އިތުރުކުރީމަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އައްޑޫ ސިޓީގައި އެސްއީޒެޑް ގާއިމްކޮށްގެން އެ ސިޓީއަށް ތަރައްގީއެއް ނުލިބޭނެ އެވެ.
"އައްޑޫ ސިޓީގައި ޒޯނު އަޅައިގެން މިތަނުގެ ބިމާއި މިތަނުގެ ރުއްގަހާއި މިތަނުގެ ކަނޑާއި ފަޅުގެ މުއްސަނދިކަން ވެރިކަމުގެ ތެރެއަށް ގެންގޮސް ހިފެހެއްޓުމަކީ އަޅުގަނޑުމެންނަށް ތަރައްގީ ހޯދޭނެގޮތެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ހުޅުލެއާއި މާލެއާ ދެދުއަޅާ ބްރިޖާ ގުޅޭގޮތުން ޗައިނާ ސަރުކާރުން ބުނެފައި ވަނީ އެ ބްރިޖު "ޕްރޮމޯޓްކޮށްދިނުމުގައި" އެބޭފުޅުން ވެސް ބައިވެރިވާނެ ކަމުގައި ކަމަށާއި މި ސަރުކާރަށް އެހީތެރިވެދޭނެ ބޭރުގެ ސަރުކާރެއް އޮތްތަނެއް ނުފެންނަ ކަމަށެވެ. އަދި އެކުވެރިގައުމުތަކުން ރާއްޖެއަށްކުރާ އިތުބާރު ވަނީ ގެއްލިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.