10 Oct 2014, 23:09
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ފަންޑުކޮށްގެން ބޭއްވި ބަށި މުބާރާތުގެ ފައިނަލްގައި ހޯޑެއްދޫ ސްޕޯޓްސް އާއި ބައްދަލުކޮށް ހޭޔާންބޯ ލޮޓަސް ޓީމު މުބާރާތް ކާމިޔާބު ކޮށްފިއެވެ.
ހޯޑެއްދޫ ޓީމާ ބައްދަލު ކުރި މެޗުން ލޮޓަސް ޓީމު މޮޅުވެފައިވަނީ 25 ލަނޑާއި ދެ ފޯލި ޖަހައިގެންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗް ކަން ލިބިފައިވަނީ ލޮޓަސް ބަށި ޓީމުގެ މަރީޝާއަށެވެ. މުބާރާޓުގެ ބަށި ރާނީއަށްވެސް ހޮވިފައިވަނީ މަރީޝާއެވެ.
މުބާރާތުގެ އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިޔަކަށް ހޮވިފައިވަނީ މަރީޝާއެވެ. އަދި އެންމެ ގިނަ ފޯލި ސައި ކުރި ކުޅުންތެރިއކަށްވެސް ހޮވިފައިވަނީ ހަމަ މަރީޝާއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ދެވެން ހަމަ ޖެހިފައިވާ 50،000 ރުފިޔާގެ އިނާމް ހަވާލު ކޮށްދީފައިވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒީމާ އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބުޅޯ އެވެ. ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވާ 20،000 ރުފިޔާގެ އިނާމުވެސް ހަވާލުކޮށްދެއްވީ އެ ދެ ބޭފުޅުންނެވެ.
ޖުމްލަ ފަސް ޓީމެއް މި މުބާރާތުގައި ބައިވެރިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ ތިނަދޫގެ ހަތަރު ޓީމަކާއި އެއަތޮޅު ހޯޑެއްދޫގެ ޓީމެކެވެ. އެއީ ހުވަދުއަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ބަށިމުބާރާތެވެ.