ދިވެހި ލީގުގެ ދެވަނަ ބުރުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ބައްދަލު ކުރި މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު 4-3 އިން މޮޅުވި ކަމުގައި ވިޔަސް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ރެލިގޭޓް ވެއްޖެއެވެ.

މިއަދުގެ ކާމިޔާބީއާއެކު ލީގުގެ ހަތްވަނައިގައި އޮތް އޭވައިއެލް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ތާވަލުގެ ފަސްވަނައިގައި އޮތް ވިކްޓްރީއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. މެޗު ފެށުމުގެ ކުރިންވެސް އޭވައިއެލްއަށް ގަދަ ހަޔަކަށް އެރުމަށް އޮތީ ކުޑަ ފުރުސަތެކެވެ.

މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްފައި ވަނީ ވިކްޓްރީއިންނެވެ. ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބު ކުރި ގޯލު ޖަހާފައިވަނީ އިބްރާހިމް ޝަފްރާޒެވެ.

އެ ގޯލާއެކު އިދިކޮޅު ޓިމުން ވަނީ ގިނަ ހަމަލާތަކެއް ވިކްޓްރީގެ ކޮޅަށް ފޮނުވާފައެވެ. އެއާއެކު އޭގެ ނުވަ މިނެޓު ފަހުން މެޗުގެ 35 ވަނަ މިނެޓުގައި އޭވައިއެލް އިން ޓީމުގެ ފުރަތަމަ ގޯލު ވަނީ ޖަހާފައެވެ. މި ގޯލު ކާމިޔާބު ކޮށްދީފައިވަނީ ބަހުޖަތު އަބްދުލް އަޒީޒެވެ.

ފުރަތަމަ ހާފުގެ ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ވިކްޓްރީއިން ދެވަނަ ގޯލެއް ޖަހައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. ބިދޭސީ ކުޅުންތެރިޔާ އަވިލޯ ލަނޑު ކާމިޔާބު ކޮށް މިނެޓެއް ނުވަނީސް އޭވައިއެލް އިން ވަނީ ދެވަނަ ފަހަރަށް ވިކްޓްރީއާ އެއްވަރު ކޮށްފައެވެ. މި ގޯލު ޖަހާފައިވަނީ ޓީމުގެ ހަސަން ސޮލާހެވެ. އެއާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-2 އިން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށި މެޗުގެ 56 ވަނަ މިނެޓުގައި ވިކްޓްރީއިން އަނެއްކާވެސް ގޯލެއް ޖަހާފައިވެއެވެ. ޕެނަލްޓީއަކާއެކު އިބްރާހިމް ޝާފިއު ކާމިޔާބު ކޮށްދިން ގޯލަށްފަހު ވިކްޓްރީއިން ވަނީ ތިންވަނަ ފަހަރަށް ލީޑު ނަގާފައެވެ. ނަމަވެސް އެހެން ފަހަރުތަކާއި އެއްގޮތައް މިފަހަރުވެސް އޭވައިއެލް އިން ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި އޭވައިއެލްއަށް ކާމިޔާބު ކޮށްދިން ލަނޑު ޖަހާފައި ވަނީ ބަދަލުގައި އެރުވި ކުޅުންތެރިޔާ އަހުމަދު ސިފާއުއެވެ.

މެޗު ނިމެން އެންމެ ފަހު ވަގުތައް ވެފައި ވަނިކޮށް އެންމެން ހައިރާން ކޮށްލަމުން އޭވައިއެލް އިން ވަނީ ލީޑު ނަގާފައެވެ. ޓީމު މޮޅު ކޮށްދިން ލަނޑު ޖަހާފައިވަނީ ހަސަން ސޮލާހެވެ.

ރެލިގޭޝަންގައި އޭވައިއެލް އިން ކުޅެން ޖެހިފައިވާއިރު ބީގީ އިން ވެސް ރެލިގޭޝަންގައި ކުޅެއް ޖެހޭނެއެވެ.