ހައްދުފަހަނައަޅައި ދިއުމާއި އަޅު މަސައްކަތާއި ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމުން ކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައިވާތީ ދޭ ނޯބެލް ސުލްހައިގެ އިނާމު ދުޝްމަން ދެ ގައުމު ކަމަށްވާ އިންޑިއާއި ޕާކިސްތާނަށް ލިބިއްޖެއެވެ.

އެ އިނާމު މިހާތަނަށް ލިބުނު އެންމެ ހަގު ކުއްޖާގެ ޝަރަފާއި އެކު ޕާކިސްތާނުގެ މުސްލިމް ކުއްޖެއް ކަމަށްވާ މަލާލާ ޔޫސުފް ޒާއީއަށް ލިބުނު އިރު އިންޑިއާއިން އެ އިނާމު ލިބުނީ އުމުރުން 60 އަހަރުގެ ހިންދޫއެއް ކަމަށްވާ ކައިލާޝް ސަތިޔާރުތީއަށެވެ.

ނޯބެލް އިނާމު ލިބުމުން ކައިލާޝް ބުނި ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުން ހުއްޓުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.
"... ވަރަށް ގިނަ މަސައްކަތް އަދިވެސް ކުރަން އެބަހުރި، އެކަމަކު ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމަށް ނިމުމެއް އަންނަތަން އަހަރެންގެ ހަޔާތުގައި ދެކޭނަން،" ކައިލާޝް ބުނި ކަމަށް އޭޕީގެ ހަބަރުގައި ވެއެވެ.
ކައިލާޝް އަކީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުން ހުއްޓުވުމަށް 1980 ވަނަ އަހަރުން ފެށިގެން ހަރަކާތެއް ހިންގަމުން އަންނަ މީހެކެވެ.

އިނާމު ލިބުމާ ގުޅިގެން މަލާލާގެ އާއިލާއިން ބުނެފައި ވަނީ އޭނާއަށް އިނާމު ލިބުމުން އަންހެން ކުދިންގެ ތައުލީމަށް ޓަކައި ކުރާ މަސައްކަތްތައް އިތުރުވެ، ވަރުގަދަވެގެން ދާނެ ކަމަށެވެ.

މަލާލާއަކީ 2012 ވަނަ އަހަރު ޕާކިސްތާނުގެ ތާލިބާނުން ދިން ހަމަލާއަކަށް ފަހު ސަލާމަތްވެފައިވާ ކުއްޖެކެވެ. އޭނާއަށް ހަމަލާ ދިނީ ސްކޫލް ބަހުގައި އިންދާ އެ ބަހަށް އަރައި ބަޑިންނެވެ.