10 Oct 2014, 19:33
ކޮންމެ އަހަރެއްގެ އަޟްހާ އީދާ ދިމާކޮށް ދ. މީދޫގައި ކުރިއަށްގެންދާ ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ކްލަބް ފެރާރީ ހޯދައިފި އެވެ.
މީދޫ ކައުންސިލާއި ރަށުގެ ޒުވާނުން ގުޅިގެން އީދުގެ ފުރަތަމަ ދުވަހު ފެށި އެ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ފެރާރީ ހޯދާފައިވަނީ މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި ފްރެންޑްސް އެފްސީއާ ވާދަކޮށް 1-0 ލަނޑުންނެވެ. ކްލަބް ފެރާރީއަށް މުބާރާތް ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ އަހްމަދު މޫސާ އެވެ.
މެދުނުކެނޑި 10 އަހަރުވަންދެން ބާއްވަމުން އަންނަ "އަޟްހާ ކަޕް" ގެ ޗެމްޕިއަންކަން ކްލަބް ފެރާރީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހޯދާފައެވެ.

ބޮޑު އީދާ ދިމާކޮށް މީދޫގައި ކުރިއަށްގެންދާ "އަޟްހާ ކަޕް"ގެ މިއަހަރުގެ ރަނަރަޕް ޓީމް، ފްރެންޑްސް އެފްސީ އަށް އިނާމު ހަވާލުކޮށްދެއްވަނީ ---
ޖުމްލަ އަށް ޓީމް ބައިވެރިވެ، ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަލްބް ފެރާރީގެ އަހުމަދު މަސްދޫގެވެ. ވަނަވަނަ އަށް ދިޔަ ޓީމުތަކަށް ތައްޓާއި އިނާމު ހަވާލުކޮށްދެއްވީ ދ. އަތޮޅު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މޫސާ ފާއިޒެވެ.
ސަން ފައުންޑޭޝަންގެ ސްޕޮންސާގެ ދަށުން ކުރިއަށްދިޔަ މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 3500 ރުފިޔާ ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 2000 ރުފިޔާ ދީފަ އެވެ. މިއީ ސަން ފައުންޑޭޝަނުން އެ މުބާރާތް ސްޕޮންސާ ކުރި ތިން ވަނަ ފަހަރެވެ.