23 Jan 2011, 15:06
މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް މީހުން ފައިސާ ދައްކާފައި ވަނީ މިދިޔަ އަހަރު ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މުދަލު ޒަކާތު ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 36 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 9 މިލިއަން އިތުރު އަދަދެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އަހްމަދުﷲ ޖަމީލު ވިދާޅުވީ، މުދަލު ޒަކާތް ދައްކަ ފަރާތްތައް އިތުރުވެ، ލިބޭ ފައިސާ އިތުރުވުމަކީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވަމުންދާ ކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
"ވޭތުވެދިޔަ އަހަރުތަކުގައި މަޑުމަޑުން މަޑުމަޑުމަޑުން ކުރިއަރަމުން މި އަންނަނީ. އެހެންވެ، މިނިސްޓްރީން ވެސް ކުރަމުންދާ މަސައްކަތުން މީހުންގެ ދީނީ ހޭލުންތެރިކަން އިތުރުވަމުން އަންނަ ކަން ދޭހަވޭ،" އަހްމަދުﷲ ވިދާޅުވި އެވެ.
ދެހާސް ނުވަ ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި މިނިސްޓްރީއަށް ލިބިފައި ވަނީ 27.4 މިލިއަން ރުފިޔާ ކަމަށާއި އަދި 2008 ވަނަ އަހަރު 14.9 މިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ކުރީ އަހަރު ލިބިފައި ވަނީ 15.2 މިލިއަން ރުފިޔާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.