ސަންޢާ (އޮކްޓޯބަރ 10) : ޔަމަންގެ ދެ ސަރަހައްދެއްގައި ބާރުގަދަ ދެ ބޮމެއް ގޮއްވާލުމުގެ ސަބަބުން ހަތްދިހައަށްވުރެ ގިނަމީހުންް މަރުވެ ސަތޭކަ އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެވެ.

ދާޚިލީ ހަމަނުޖެހުމާއި ސިޔާސީ އަދި މަޛްހަބީ ފިތްނައިގެ ތެރެއަށް ޣަރަގުވެފައިވާ ޔަމަންގައި އިއްގެ ގޮއްވާލި ދެ ބޮމުގެ ތެރެއިން އެއްބޮން ގޮއްވާލާފައިވަނީ ސަންޢާގައި ކުރިޔަށްދިޔަ ޙޫޘީ ޖަމާއަތުގެ ބައްދަލުވުމަކަށް އަމާޒުކޮށެވެ. ޙޫތީންނަކީ ވެރިރަށް ސަންޢާގައި އެމީހުންގެ މަޛްހަބީ ފިކުރުތައް ފެތުރުމަށާއި ސިޔާސީ ބާރާއި ނުފޫޒު ވަރުގަދަ ކުރުމަށް މަސައްކަތްކުރާ ޝިޔަޢީ ޖަމާއަތެކެވެ. ޙޫތީ ޖަމާއަތަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާގައި އެޖަމާއަތުގެ 50 މީހުން މަރުވެފައިވެއެވެ.

އަނެއް ބޮން ގޮއްވާލާފައިވަނީ ޔަމަންގެ އިރުދެކުނުގެ ސަރަހައްދެއް ކަމަށްވާ ޙަޟްރަމައުތުގައިވާ ސިފައިންގެ ޗެކް ޕޮއިންޓަކަށް އަމާޒުކޮށްގެންނެވެ. މިޙަމަލާގައި ޔަމަން ސިފައިންގެ 20 މީހުން މަރުވެފައިވެއެވެ. މިދެ ޙާދިސާގައިވެސް ޒަޚަމްވި ބައެއްމީހުންގެ ޙާލު ބޮޑުކަމުން މީގެތެރެއިން ދެމީހަކު ހޮސްޕިޓަލުގައި މަރުވެފައިވާ ކަމަށް ޔަމަންގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. ޔަމަންގައި އިއްޔެ ހިންގި ބޮންގޮއްވުމުގެ ދެ ޙާދިސާ، އެގައުމުގެ ސަރުކާރުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ. މިޖަރީމާތައް ކުށްވެރި ކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި ގަލްފުގެ ބައެއް އަރަބި ގައުމުތައް ހިމެނެއެވެ.

މިދެ ޖަރީމާގެ ފަހަތުގައިވެސްވަނީ ޔަމަންގައި ހަރަކާތްތެރިވާ އަލްގާއިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން ކަމަށް ޔަމަންގެ އަމަނާބެހޭ ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ވަނީ މިދެ ހާދިސާއަކީވެސް ޓެރަރިސްޓުން ހިންގި ފިނޑި އަމަލުތަކެއް ކަމަށް ސިފަކުރައްވައި އެދެ ޙާދިސާގައި މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢްޒިޔާ ރައްދު ކުރައްވާފައެވެ.

ރައީސް އަބްދު ރައްބު ހާދީ ވަނީ މިދެ ޙާދިސާ ޚާއްސަ ސަމާލުކަމެއް ދިގެން ތަހްގީގް ކުރުމަށް ޔަމަންގެ ސަލާމަތީ ބާރުތަކަށް އަމުރު ކުރައްވާފައެވެ. (އަލްޖަޒީރާ)