ކުބާނީ (އޮކްޓޯބަރ 10) : ތުރުކީގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސޫރިޔާގެ މުހިއްމު އަދި ސްޓްރެޓީޖިކް ރަށެއް ކަމަށްވާ ޢައިނުލްއަރަބް (ނުވަތަ ކުބާނީ) ހިފުމަށް މަސައްކަތްކުރާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ އަތްދަށަށް އެރަށުގެ ބޮޑުބައި މިހާރު ގޮސްފައިވާ ކަމަށް ޚަބަރު ލިބިއްޖެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އައިއެސް ގެ ހަނގުރާމަވެރިން ކޫބާނީއަށް އަރާފައިވަނީ އެމީހުންގެ ކުރިއެރުން ހުއްޓުވުމަށް ކުރުދީ ހަނގުރާމަވެރިން އެއްގަމު މަގުން އަދި އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވައިގެ މަގުން ޙަމަލާތައް ދެމުން ގެންދަނިކޮށެވެ. އައިއެސް ގެ ހަނގުރާމަވެރިން ކުބާނީ އަށް އެރުމުގެ ކުރިން އެމެރިކާއާއި ކުރުދީންގެ މަސްއޫލުވެރިން ވަނީ އައިއެސްގެ ހަނގުރާމަވެރިންގެ ކުރިއެރުން ހުއްޓުވިފައިވާކަމަށް ބުނެފައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިންވެސް ރޭގައި ބުނެފައިވަނީ ވައިގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން އައިއެސްގެ ކުރިއެރުން ހުއްޓުވިފައިވާ ކަމުގައެވެ.

ކުބާނީގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ މުރާސިލު ބުނާގޮތުން އެރަށުގެ އެއްބައި މިހާރުވަނީ އައިއެސްގެ ކޮންޓްރޯލްގެ ދަށުގައެވެ. ނަމަވެސް އަނެއްބައި އަދިވެސް އޮތީ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ކުރިންވަނީ ކުބާނީ އައިއެސް ހަނގުރާމަވެރިންގެ އަތްދަށަށް ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ. ޕެންޓަގަންގެ ތަރްޖަމާނެއް ކަމަށްވާ އެޑްމިރަލް ޖޯން ކާބީ ވަނީ ކުބާނީ ހިފަން މަސައްކަތްކުރާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ކުރިއެރުން ނުހުއްޓުވި އެޖަމާއަތުގެ އަތްދަށަށް އެރަށް ހިނގައްޖެނަމަ އެކަމުގެ ނުރައްކާ ތުރުކީއަށް އާދަޔާ ޚިލާފަށް ބޮޑުވެގެންދާނެ ކަމުގެ އިންޒާރު ކުރިން ދެއްވާފައެވެ.

އައިއެސްގެ އަތްދަށަށް އެރަށް ދިޔުން ހުއްޓުވުމަށް ޓަކައި އެމެރިކާވަނީ ތުރުކީގެ ބާރުތައް އައިއެސް އާ ދެކޮޅަށް ނެރުމަށް ތުރުކީއަށް ބާރުއަޅާފައެވެ. އަދި ތުރުކީގެ އިދިކޮޅު ފަރާތްތަކުންވެސް ވަނީ ކޫބާނީ އައިއެސްގެ އަތްދަށަށް ދިޔުން މަނާކުރުމަށްޓަކައި ތުރުކީގެ ސިފައިންގެ ލަޝްކަރުތައް އައިއެސް އާ ދެކޮޅަށް ނެރުމަށްއެދި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކޮށްފައެވެ. ނަމަވެސް ކުބާނީގެ ދިފާޢުގައި ތުރުކީ ސިފައިން ނެރުމަށް ތުރުކީ ސަރުކާރުން ފަސްޖެހި ރައީސް އުރުދުޣާންވަނީ އެކަމަށް ޝަރުތުތަކެއް ހުށަހަޅުއްވާފައެވެ. މީގެތެރޭގައި ސޫރިޔާގެ އެތެރޭގައި އުދުހުން މަނާކުރާ އަދި ހަތިޔާރު ގެންގުޅުންވެސް މަނާކުރާ ސަރަހައްދެއް ގާއިމްކުރުން ހިމެނެއެވެ. އެމެރިކާ މިކަމަށް ދެކޮޅު ހެދުމުން ތުރުކީންވަނީ ކުބާނީ ދިފާއުގައި ތުރުކީ ސިފައިންގެ ލަޝްކަރުތައް ނުނެރުމަށް ނިންމާފައެވެ.

މުހައްލިލުން ދެކޭގޮތުގައި އެމެރިކާގެ މަގްސަދަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެއްގަމު މަގުން ތުރުކީ ވެއްދުމާ އަދި އައިއެސްއާ އިދިކޮޅު ނަމުގައި ސޫރިޔާއާއި އިރާގުގައި އެމެރިކާ ހިންގަމުން ގެންދާ ހަނގުރާމައިގާ އޮޕަރޭޝަންތަކުގައި ތުރުކީ ޝާމިލް ކުރުމެވެ. ނަމަވެސް ތުރުކީ އޮތީ މިހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައި ވަންނަ ގޮތަށްނޫން ކަމަށާ އިރާގާއި ސޫރިޔާގައި އެމެރިކާ ހިންގަމުން ގެންދާ ހަނގުރާމައިގާ ސީދާ ގޮތެއްގައި ތުރުކީ ބައިވެރިނުވާނެ ކަމަށް މުޙައްލިލުން ބުނެއެވެ. (އަލްޖަޒީރާ)