10 Oct 2014, 18:28
އެޓްލަންޓާ (އޮކްޓޯބަރ 10) ހުޅަނގު އެފްރިކާގެ ގައުމުތަކުގައި މިހާރު ފެތުރެމުންދާ އެބޯލާ ވައިރެހަކީ އެއިޑްސް ބައްޔަށްފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ވަބާ ކަމަށް ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ އެމެރިކާގެ މަރުކަޒުތަކުގެ ވެރިޔާ ޓޮމް ފްރައިޑެން ސިފަކުރައްވައިފިއެވެ.
އެބޯލާއާ ބެހޭގޮތުން ވޯލްޑް ބޭންކުން އިންތިޒާމްކުރި ފޯރަމެއްގައި ވާހަކަ ދައްކަވަމުން ފްރައިޑެން ވިދާޅުވީ ފާއިތުވި ތިރީސް އަހަރު ތެރޭގައި އެޗްއައިވީ އެއިޑްސް އަށްފަހު އެބޯލާއަށްވުރެ ނުރައްކާތެރި ވައިރެހެއް ދުނިޔެ ތަޖްރިބާކޮށްފައިނުވާ ކަމުގައެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ދަތުރުފަތުރުގެ ކަންތައް މިހާރު ހުރިގޮތުން އެބޯލާ ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށާ އެބަލި މިހާރަށްވުރެ ބޮޑަށް ފެތުރިގެން ދާނެކަމުގެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގައެވެ. އެބޯލާ ވައިރަސް މުޅިން ކޮންޓްރޯލް ކުރުމަށް ދެތިން އަހަރު ނަގާނެ ކަމަށާ މިކަމަށް ގާތްގަނޑަކަށް 30 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ސިއްޙަތާބެހޭ ބައިނަލްއަގްވާމީ ތަޖްރިބާކާރުން އަންދާޒާ ކުރެއެވެ.
އެބޯލާ ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ސިއްޙީ ފިޔަވަޅުތައް އެޅުމަށާއި ސިއްޙީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ ގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށްޓަކައި 690 މިލިޔަން ޑޮލަރު އަވަސްގޮތެއްގައި ދިނުމަށް ދުނިޔޭގެ 35 ގައުމަކުން ވަނީ ވައުދުވެފައެވެ. މީގެތެރޭގައިި ހިމެނެނީ އާންމު ގޮތެއްގައި މުއްސަނދި ގައުމުތަކެވެ.
އެބޯލާ ކޮންޓްރޯލް ކުރުމާބެހޭގޮތުން ވޯލްޑް ބޭންކުން އިންތިޒާމްކުރި ފޯރަމްގައި އެބޭންކުގެ ރައީސް ޖިމް ޔޮން ކިމް ވަނީ އެބޯލާގެ ފެތުުރުމުގެ ނުރައްކާ އޮތް ގައުމުތަކަށް އެހީތެރިވުމަށް 400 މިލިޔަން ޑޮލަރު ޚަރަދު ކުރުމަށް އެބޭންކުގެ ބޯޑުން ނިންމާފައިވާކަން އިޢްލާން ކުރައްވާފައެވެ.
މިދިޔަ މާޗް މަހުން ފެށިގެން މިހާތަނަށް ދުނިޔޭގެ އެކިގައުމުތަކުގައި 5000 އަށްވުރެ ގިނަމީހުންނަށް އެބޯލާގެ އަސަރު ކޮށްފައިވާއިރު އެބަލީގައި މިހާތަނަށް 3900 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެތެރެއިން 95 އިންސައްތަ މީހުން މަރުވެފައިވަނީ ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ގިނީ، ލައިބީރިޔާ އަދި ސީރަލިޔޯން އިންނެވެ. (ރޮއިޓާސް)