ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދަރުމަވަންތަ މިސްކިތުގެ އީމާމަކީ މަސްތުވާތަކެއްޗާއި އެހެނިގެން މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 30 އަހަރުގެ އެމީހާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާއި ބަނގުރާ ގެންގުޅުނު މައްސަލައެއް ފުލުހުން ތަހުގީކޮށްފައިވާ ކަމަށެވެ.

އެ ދެ މައްސަލައިގެ އިތުރުން އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އޭނާ ކުޑަކުއްޖަކަށް އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ފުލުހުން މީގެކުރިން ތަހުގީގުކޮށްފައިވާނެ ކަމަށް މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމީހާއާ ދެކޮޅަށް ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު ޝަރީއަތަށް ހުށަހެޅުމަށްޓަކައި އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރިފަހުން ދޫކޮށްލާފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ވަނީ ދެވަނަ ފަހަރަށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނެގުމަކާ ނުލައި ވަކިން ޖަމާއަތް ހަދައިގެން ދަރުމަވަންތަ މިސްކިތުގައި އިމާމެއްކަމަށް ހެދިގެން ހުކުރުކޮށް ޚުޠުބާކިޔައި ދީނީ ގޮތުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރަމުންގެންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.