ޔޫރޯ ކޮލިފައިންގައި ސްލޮވޭކިއާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ބަލިވެއްޖެ އެވެ.

ރޭ ޒިލީނާގެ ސްޓޭޑިއަން ދޭ ޑަބްނަމްގައި ކުޅުނު މެޗުގައި ސްލޮވޭކިއާ އަތުން ސްޕެއިން ބަލިވީ 2-1 ންނެވެ. މިއީ އަށް އަހަރުގެ ތެރޭގައި ކޮލިފައިންގް މެޗެއްގައި ސްޕެއިން ބަލިވި ފުރަތަމަ މެޗެވެ. އެންމެ ފަހުން ކޮލިފައިންގް މެޗެއްގައި ސްޕެއިން ބަލިވެފައި ވަނީ 2006 ވަނަ އޮކްޓޯބަރު މަހު ސްވިޑަން އަތުންންވެ.

މެޗުގައި ފުރަތަމަ ގޯލް ޖަހައި ކުރި ހޯދީވެސް ސްލޮވޭކިއާ އެވެ. ފުރަތަމަ ހާފު ފަށައިގެން 17 ވަނަ މިނުޓުގައި ލިބުނު ހިލޭ ޖެހުމަކުން އެ ގޯލް ކާމިޔާބުކުރީ ޔުރާޖް ކުކާ އެވެ.

ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕާކޯ އަލްކާސާ ގެ ގޯލުން ސްޕެއިން އިން 82 ވަނަ މިނުޓުގައި ނަތީޖާ ހަމަހަމަ ކުރި ނަމަވެސް ސްލޮވޭކިއާ އިން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ގޯލެއް ޖަހައި ސްޕެއިންގެ ސަޕޯޓަރުން މާޔޫސްކޮށްލި އެވެ. މެޗުގެ 87 ވަނަ މިނުޓުގައި އެ ގޯލް ކާމިޔާބުކުރީ މިރޮސްލާވް ސޮޓޮޗް އެވެ.

އެ މެޗުގައި ސްޕެއިން ގެ މެނޭޖަރު ޑެލް ބޮޝްކޭ ވަނީ ޑިއޭގޯ ކޮސްޓާއަށް ފުރަތަމަ އެގާރައިން ޖާގަ ދީފަ އެވެ. ޗެލްސީ ގައި ގިނަ ގޯލް ތަކެއް ޖަހަމުން އަންނަ ފޯވާޑް އަށް ސްޕެއިން އަށް ކުޅެދިން ހަ މެޗުގައި ގޯލެއް ކާމިޔާބުކުރެވިފައި ނުވެ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޑެލް ބޮޝްކޭ ބުނީ ސްލޮވޭކިއާގެ ކީޕަރު ވަރަށް މޮޅު ކަމަށާއި އޭނާގެ ކުޅުންތެރިންގެ ފަރާތުން ޓީމަށް ފައިދާކުރުވަނިވި ކަހަލަ ކުޅުމެއް ނުފެންނަ ކަމަށެވެ.

ޔޫރޯ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރި ސްޕެއިން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ދެން އެ ޓީމް ނުކުންނާނީ ލަގްޒަމްބާގާ ދެކޮޅަށެވެ.