10 Oct 2014, 16:01
އައްޝަދު އަލީ (އަޑޭ) އަދި އައްޝަދުﷲ ގެ ލަނޑުތަކުން ދިރާގު ދިވެހި ލީގުގައި ރޭ ކުޅުނު މެޗު ބީޖީ ސްޕޯޓްސް އަށް ވާދަކޮށް މާޒިޔާ ކާމިޔާބުކޮށްފިއެވެ. މާޒިޔާގެ ދެ ފޯވަޑުންގެ ހެޓްރިކް ފެނިގެން ދިޔަ މެޗުގައި މާޒިޔާ އިން ބީޖީ ބަލިކުރީ ލަނޑު ގޯންޏަކާއެކު 6-1 ންނެވެ.
ފުރަތަމަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ އަޑޭގެ ގޯލުން މާޒިޔާ ކުރި ހޯދިއެވެ. އަދި 30 ވަނަ މިނުޓުގައި އައްޝަދުﷲ ވަނީ ގޯލެއް ޖަހައި މާޒިޔާ އަށް ލީޑު ބޮޑުކޮށްދީފައެވެ. އޭނާ ގޯލް ޖެހީ ބީޖީގެ އޭރިއާ ތެރެއިން އެޓީމުގެ ކުޑޯސް ކެލާނީ އޭނާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ.
މެޗުގެ 50 ވަނަ މިނުޓުގައި ލިބުނު ކޯނަރަކުން އަޑޭ ވަނީ އިތުރު ގޯލެއް ޖަހައި ޖަހައި މާޒިޔާ އަށް ލީޑު ފުޅާ ކޮށްދީފައެވެ. އަދި އޭގެ ދެމިނެޓް ފަހުން އައްޝަދުﷲ ލަނޑެއް ކާމިޔާބުކުރި އިރު މެޗުގެ 56 ވަނަ މިނުޓުގައި އަޑޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށް މާޒިޔާ އަށް 5-0ގެ ބޮޑު ލީޑެއް ނަގައިދީފައެވެ.
ނަމަވެސް 71 ވަނަ މިނުޓުގައި ބީޖީގެ ބިދޭސީ ކުޅުންތެރިއާ ކުޑޯސް ކެލާނީ ވަނީ ބީޖީ އަށް ސުން ކަނޑުވައިދީފައެވެ. މެޗުގައި މާޒިޔާއިން ޖެހި ފަހު ގޯލް 89 ވަނަ މިނުޓުގައި ކާމިޔާބުކުރީ އައްޝަދުﷲ އެވެ.
ދެޓީމްގެ ފަރާތުންވެސް އޮފްސައިޑް ގޯލްތައް ފެނިގެން ދިޔަ މެޗުގައި މާޒިޔާއިން އަށް ވަނީ އިތުރު ގޯލްތައް ޖަހާން ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ. މިގޮތިން ތިން ފަހަރެއްގެ މަތިން އެޓީމުގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލް ދަނޑިއާއެވެ. މާޒިޔާގެ ޖާޒީ ނަންބަރު 11 އަހުމަދު ނާޝިދް (ނާއްޓެ) ގެ ފަރާތުން މޮޅު ހުރަސްތަކެއް ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.
މި މޮޅާއެކު މާޒިޔާ ދެވަނަ ބުރު ނިންމާލީ 37 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި އޮވެގެންނެވެ. ދިރާގު ދިވެހި ލީގުގެ އެންމެ ކުރީގައި އޮތީ އިއްޔެ މަހިބަދޫ ސްޕޯޓްސް ބަލިކުރި ނިއުރޭޑިއަންޓެވެ. ނިއު 39 ޕޮއިންޓާއެކު ލީޑު ދަމަހައްޓަމުންދާއިރު ރޭ މާޒިޔާ އަތުން ބަލިވި ބީޖީ އަށް ވަނީ ރެލިގޭޝަން އާ ކުރިމަތިލާން ޖެހިފައެވެ.