ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އުޅުމުން، ކޯޓު ނުހުޅުވިގެން ބަންދުން ދޫކޮށްލަން ޖެހުނު މީހާ އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ ދެ ވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ތުހުމަތު ކުރެވޭ ގޮތުގައި އެ ދެ މީހުން މިމަހުގެ ދެވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ތަކުކާރީތަކެއްގެ ތެރެއަށް އަޅައިގެންނެވެ. އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.