ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ ދަރުމަވަންތަ މިސްކިތް ކައިރިއަށް މިއަދު ދިޔަ ނޫސްވެރިންނަށް، އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ހުރަސް އަޅައިފި އެވެ.

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާތީ، އެ ސަރަހައްދު ވީޑީއޯ ކުރަން މިއަދު ގޮސް ތިބި ކެމެރާމަނުންނަށް އެކްޓިވިސްޓުން ވަނީ ހުރަސް އަޅައި ހަޑިހުތުރު ބަހުން ވާހަކަދައްކާފަ އެވެ. އެ މިހުން ވަނީ އެތަނުގައި ކެމެރާ ކުރަން ތިބި ކެމެރާމަނުންގެ ކެމެރާތަކުގެ ކުރިމައްޗަށް އަރައި ވީޑިއޯ ކުރުމަށް ހުރަސް އަޅާފަ އެވެ. އެގޮތުން ދަރުމަވަންތަ މިސްކިތަށް ހުކުރަށް ގޮސް ތިބި އެމްޑީޕީގެ ދެ އެކްޓިވިސްޓަކު ވަނީ އެ މީހުން މިސްކިތަށް ގެންދިޔަ މުސައްލަ ކެމެރާގެ ކުރިމައްޗަށް ހުރަސްކޮށްފަ އެވެ.

އެމްޑީޕީގެ އެކްޓިވިސްޓުން ހުރަސް އަޅާފައި ވަނީ "ސަން"ގެ ކެމެރާމަނަކަށާއި ދިޓީވީގެ ކެމެރާމަނަކަށެވެ. އެ ވަގުތު ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ވެސް އެ ސަރަހައްދުގައި ތިއްބެވެ. އެ ނޫސްވެރިންނަށް ވެސް އެ މަންޒަރު ފެންނާނެ އެވެ.

ނޫސްވެރިންނަށް ހުރަސް އެޅި ދެ މީހުން-- ފޮޓޯ/ ކިޔުންތެރިއެއް

މިދިޔަ ހުކުރު ދުވަހު ވެސް، ވަނީ ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރުކޮށްފަ އެވެ. އެ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުމަށް ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ވަނީ ހިއްވަތު ދީފަ އެވެ. ނަމަވެސް މިއަދު އެ މިސްކިތުގައި ހުކުރު ކުރާނެ އިމާމަކު ނެތުމުން، ބައެއް މީހުން ވަނީ އެކަމާ ކަންބޮޑުވެ ވާހަކަދައްކާފަ އެވެ.

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ އިމާމު މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ދަރުމަވަންތަ މިސްކިތުގައި އިމާމެއް ކަމަށް ހެދިގެން ހުކުރުކޮށް ޚުޠުބާކިޔައި ދީނީ ގޮތުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތެވެ.