10 Oct 2014, 13:46
ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާނެ އިމާމަކު ނެތިގެން، ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުން މިއަދު ހުއްޓާލައިފި އެވެ.
މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ދަނީ ހުކުރު ކުރަމުންނެވެ. ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރުން ހުއްޓުވުމަށް އެ މިސްކިތުގައި ހުކުރު ކުރާ އިމާމު މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރުން މިއަދު ހުއްޓާލާފައި ވަނީ، މެދުނުކެނޑި އެ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާތާ ނުވަ މަސް ދުވަހަށްފަހު އެވެ.
ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރާ ކަމަށް ހީކޮށް މިއަދުވެސް ބަޔަކު ދިޔަ އެވެ. ހުކުރު ވަގުތު މިސްކިތުގެ އެތެރޭގަ އާއި ބޭރުގައި ވެސް މީހުން ޖަމާވެފައި ތިއްބެވެ. ނަމަވެސް ހުކުރު ނަމާދުގެ ވަގުތު ޖެހެން ކައިރިވެފައި ވަނިކޮށް، އެ މިސްކިތުގައި ހުކުރު ކުރާނެ އިމާމަކު ނެތް ކަމަށް ބަޔަކު ބުނަން ފެށުމުން، އެ ސަރަހައްދަށް ޖަމާވެފައި ތިބި މީހުން އެތަން ދޫކޮށް ދާންފެށި އެވެ.
ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ ދަރުމަވަންތަ މިސްކިތަށް ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން ވެސް މިއަދު ދިޔަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރާ އިދިކޮޅު، އެމްޑީޕީގެ އެކްޓިވިސްޓުންނެވެ. އެ މީހުން އެ މިސްކިތް ކައިރިއަށް ޖަމާވެތިބެ، އެ މިސްކިތުގައި ހުކުރު ނުކުރާތީ އެކަމާ ކަންބޮޑުވެ، ވާހަކަ ދެއްކި އެވެ.
އެ މީހުން މިސްކިތް ކައިރިއަށް ޖަމާވެފައި ތިއްބައި "ސަން"ގެ ނޫސްވެރިންނާއި ކެމެރާމަނުން އެ ސަރަހައްދަށް ގޮސް، ކެމެރާ ކުރަން އުޅުމުން އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ ނޫސްވެރިންނަށް ހުރަސް އަޅާފަ އެވެ. އެ މީހުން ވަނީ ދިޓީވީގެ ކެމެރާމަނަކަށް ވެސް ހުރަސް އަޅައި ހަޑިހުތުރު ބަހުން ވާހަކަދައްކާފަ އެވެ.