ކޮމްޕިޔުޓަރާއި އެއާ ގުޅޭ ސާމާނުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ފޯމެކްސް އިން އައު އަހަރާއި ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ނިއު އިއާ ލަކީޑްރޯ 2011"ގެ ނަމުގައި ފޯމެކްސް އިން މި މަހުގެ 10 އިން އަންނަ މާޗު މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕުރޮމޯޝަންގައި ފޯމެކްސްގެ ކޮންމެ ފިހާރައަކުން ވެސް 500ރ. އަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް އަގުބޮޑެތި އިނާމުތައް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ފޯމެކްސްގެ މާކެޓިން އެންޑް ސޭލްސް ޑީޕާޓްމަންޓުން އައިމިނަތު އަހުމަދު މިއަދު ވިދާޅުވީ، އެ ޕްރޮމޯޝަންގެ މަގުސަދަކީ ކޮމްޕިޔުޓަރުގެ ސާމާނު ގަންނަ ފަރާތްތަކަށް އެ ތަކެތި ގަތުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ.
"އެގިވަޑައިގަންނަވާނެ. މިއީ އައު އަހަރު ފެށޭ ދުވަސްކޮޅު. އެހެންކަމުން ވަރަށް ގިނަ މީހުން މިފަދަ ތަކެތި ގަންނާނެ. އެފަދަ ފަރާތްތަކަށް މިއީ ވަރަށް ބޮޑު ފަސޭހައެއް،" އޭނާ ވިދާޅުވި އެވެ.

ކޮންޕިއުޓަރު ސާމާނުގެ ވިޔަފާރީ ކުރުމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފޯމެކްސްއިން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕުރޮމޯޝަންގެ އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 45،000ރ. އަގުހުރި ގޭމިން ސިސްޓަމެއް ލިބޭއިރު ދެ ވަނަ އަށް ހޮވޭ ފަރާތަކަށް ހުށަހަޅައިފައި ވަނީ 9500ރ. ގެ އަގުހުރި އެންމެ ފަހުގެ ނެޓްބުކް އެކެވެ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް ލިބެނީ ސްޕީކަރު ސިސްޓަމަކާއި އެކު 5000ރ.ގެ ޑިޖިޓަލް ގުރުއާން އެކެވެ.

ފޯމެކްސް އިން ބުނީ ލަކީ ވިނާޒްގެ ގޮތުގައި އިތުރު 10 މީހުން ހޮވުމަށް ނިންމާފައިވާ ކަމަށާއި އެ އެންމެންނަށް ވެސް ކޮންމެ ވެސް އަގުހުރި އިނާމެއް ލިބޭނެ ކަމަށެވެ.

ފޯމެކްސް އިން މިހާރު ވެސް މާލޭގައި ތިން ފިހާރައެއް ހިންގާއިރު އެ ކުންފުނިން އަންނަނީ 30 ބްރޭންޑެއްގެ ކޮމްޕިޔުޓަރު ސާމާނު ރާއްޖޭގެ މާކެޓަށް ޑިސްޓުރުބިޔުޓް ކުރަމުންނެވެ.