10 Oct 2014, 09:36
ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކަމުގެ އިނގިލި ދިއްކުރެވި އަދި ސަޕޯޓް ދަށަށްދާ ކަމަށް އަޑުފެތުރިފައި ވަނިކޮށް ސްރީންކާގެ ރައީސް މަހިންދާގެ ރާޖަޕަކްސާގެ ރިޔާސީ ދައުރު ނިމެން ދެ އަހަރު ބާކީ އޮތްވައި އަވަސް އިންތިހާބެެއް ބޭއްވުމުގެ އަޑު ފެތުރިއްޖެ އެވެ.
ދެހާސް ފަސް ވަނަ އަހަރު ވެރިކަމަށް ވަޑައިގަތް ރާޖަޕަކްސާ، 68، 2010 ވަނަ އަހަރު ބޮޑު އަޣުލަބިއްތަކުން ދެ ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތީ، ލަންކާގައި 26 އަހަރުވަންދެން ދާހިލީ ހަނގުރާމައެއް ކުރި ޓެމިލް އީލާމް ބަލިކޮށް މިލިޓަރީ އިން 2009 ވަނަ އަހަރު ހޯދި ކާމިޔާބުގެ ހިޔަނީގަ އެވެ.
ތިން ވަނަ ދައުރަކަށް އިންތިހާބުވުމަށް މަސައްކަތް ކުރައްވާ އިރު، ރާޖަޕަކްސާގެ މައްޗަށް އިދިކޮޅު ފަރާތްތަކުން އިނގިލި ދިއްކުރަނީ އާއިލީ ވެރިކަމެއް ކުރައްވާ ކަމުގެ ތުހުމަތެވެ. ނަމަވެސް ރާޖަޕަކްސާ ވިދާޅުވަނީ ޕާލަމެންޓުގައި އާއިލާ ބޭފުޅަކު ހުންނެވި ނަމަ އެއީ އެ މަނިކުފާނުގެ ކަމެއް ނޫން ކަމަށާއި ރައްޔިތުން އިންތިހާބު ކުރެއްވުމުން އެބޭފުޅުންނަށް އެ ފުރުސަތު ލިބެނީ ކަމަށެވެ.
ރާޖަޕަކްސާ ބަލި ކުރެވޭ ވަރުގެ ހަގީގީ ބޭފުޅަކު އަދި ފައިދާއެއް ނުވެ އެވެ. ނަމަވެސް ހަ އަހަރުގެ ތިން ވަނަ ދައުރެއް ރާޖަޕަކްސާ އަށް ކާމިޔާބު ކުރެއްވުމަކީ އެހާ ފަސޭހަމެއް ވެސް ނޫނެވެ.
ރާޖަޕްކްސާގެ ވަރަށް ގާތް ބޭފުޅަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރޮއިޓާސް ނިއުސް އެެޖެންސީ އަށް އިއްޔެ ވިދާޅުވީ ރައީސް ރާޖަޕަކްސާގެ ވިސުނުންފުޅު ހުރީ އަންނަ ޖެނުއަރީ މަހު 9 ވަނަ ދުވަހު އިންތިހާބު ބާއްވައި ވޯޓު ނެގުމަށް ކަމަށެވެ.
ރައީސް ރާޖަޕަކްސާގެ ދެވަނަ ދައުރު ނިމޭނީ ނޮވެމްބަރު 2016ގެ ނިޔަލަށެވެ. ނަމަވެސް ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް ބޭނުންފުޅު ނަމަ އަންނަ ނޮވެމްބަރު 19ގެ ފަހުން އިންތިހާބު ބޭއްވިދާނެ އެވެ.
ކެބިނެޓް ތަރުޖަމާނު ކެހެލިޔާ ރަމްބުކުވެއްލާ ވެސް ވަނީ އިންތިހާބު އަވަސް ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ. "ރައީސް ވަނީ ނިންމެވުމަކާ ހަމަ އަށް ވަޑައިގެންފައި. ހަތަރު އަހަރަށް ފަހު އިންތިހާބު ބޭއްވުމަށް އަވަސް ކުރުމަށް ގާނޫނު އަސާސީ އިން ލިބިދޭ ހައްގު ބޭނުން ކުރައްވާނެ،" އޭނާ ވިދާޅުވި އެވެ. "އެހެންކަމާ އެކު އިންތިހާބު ބޭއްބޭނެ. އެހެން ވެއްޖެ ނަމަ އިންތިހާބު އޮންނާނީ ޖެނުއަރީގައި."
ދެ ހާސް ނުވަ ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ ހަނގުރާމަ ނިމުމަކަށް ގެނައުމުން ރައީސްގެ ޕާޓީ އަށް ވަނީ ޕާލަމެންޓްގެ ތިންބައި ކުޅަ ދެބައި ގޮނޑި ލިބިފަ އެވެ. އަދި ގާނޫނު އަސާސީ އަށް ބަދަލު ގެންނަވައި ވިދިވިދިގެން ދެ ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ނުކުރެވޭނެ ކަމަށް ބުނާ މާއްދާ ބަދަލުކުރެއްވި އެވެ.
ބެރުގެ ބުމުގެ ބާރު ދަށްވާ ކަމަށް ވިއަސް، ދެކުނު އިރުމަތީ ޕްރޮވިންސު ޔޫވާގައި މިދިޔަ މަހު ބޭއްވި ލޯކަލް އިލެކްޝަން ވެރިކަން ކުރާ، ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ޕާޓީ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް 2009 ވަނަ އަހަރުގެ އިންތިހާބަށް ވުރެ 21 ޕަސެންޓް ދަށްކޮށެވެ. ރައީސް ޕަކްސާ ވަނީ އެ މަނިކުފާނަށް ބޮޑުބޭބެ ކިޔާ، ޝަޝީންދަރާ، އެ ޕްރޮވިންސުގެ ޗީފް މިނިސްޓަރުގެ މަގާމަށް އަލުން އަައްޔަންކުރައްވައިފަ އެވެ.
ރާޖަޕަކްސާގެ ކޮއްކޮ ގޮޓަބާޔާ އަކީ ޑިފެންސް ސެކްރެޓަރީ އެވެ. އަނެއް ކޮއްކޮ ބައިސިލް އަކީ އެކޮނަމިކް ޑެވެލޮޕަމަންޓް މިނިސްޓަރެވެ. ދޮށީ ބޭބެ ޗަމަލް އަކީ ޕާލަމެންޓްގެ ސްޕީކަރެވެ. އަދި ދަރިކަލުން ނަމަލް އަކީ މަޖިލީސް މެންބަރެކެވެ.
މަގުބޫލުކަން ދަށްވަނީ
ސިޔާސީ މާހިރުން ބުނަނީ އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ މަގުބޫލުކަން އިތުރުވާތީ، އިންތިހާބު އަވަސް ކުރުމަކީ ހުރިހާ ގޮތަކުން ވެސް ރާޖަޕަކްސާ އަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ.
"ތަމަޅަ ޓައިގަރުންގެ މައްޗަށް 2009 ވަނަ އަހަރު ކާމިޔާބު ހޯދުމަށް ފަހު، ރާޖަޕަކްސާގެ މަގުބޫލުކަން އަންނަނީ ފަޑުވަމުން،" ޔޫރޯ އޭޝިޔާ ގްރޫޕުން ބުންޏެވެ. "ލަސް ނުކޮށް އަވަހަށް އިންތިހާބު ބާއްވައިފި ނަމަ 2010 ވަނަ އަހަރު ލިބުނު 58 ޕަސެންޓް ވޯޓަށް ވުރެ ތަންކޮޅެއް ދަށްކޮށް ނަމަވެސް ހޮވުމުގެ ފުރުސަތު އޮންނާނެ."
ފަހުގެ ގިނަ ޕޮލިސީ ނިންމުންތައް ހުރީ ވެސް އަވަސް އިންތިހާބަކާ ދިމާލަށެވެ.
ޔޫވާގެ އިންތިހާބު ނިމުމާ އެކު ރާޖަޕަކްސާ އަަވަސްވެގަތީ އާބާދީގެ 70 ޕަސެންޓް ދިރިއުޅޭ އަދި ރައީސްގެ މަގުބޫލުކަން ބޮޑު ސަރަހައްދީ ރަަށްތަކުގެ މަގުބޫލުކަން ލިބޭ ގޮތަށް ތެލުގެ އަގު ހެޔޮ ކުރުމާއި ކަރަންޓުގެ އަގު ހެޔޮ ކުރުމަށެވެ. އަދި ސަރުކާރުން ވަނީ ޖެނުއަރީ މަހު ވޯޓު ނެގުމަށް މަގުފަހި ކުރުމުގެ ގޮތުން 2015 ވަނަ އަހަރުގެ ބަޖެޓްގެ ޕްރެޒެންޓޭޝަން ކުރިއަށް ޖައްސައި ނޮވެމްބަރު 20ގެ ކުރިން އެ މަސައްކަތް ނިންމުމަށް ކަނޑަައަޅައިފަ އެވެ.
ރާޖަޕަކްސާ ތިން ވަނަ ދައުރަކަށް ގިޔަރު ނަގާފައިވާ އިރު ކުޅަދާނަ ގާނޫނީ ވަކީލުން ވިދާޅުވަނީ ތިން ވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށް ގާނޫނު އަސާސީން ވެސް އޭނާ އަށް ހުރަސްތަކެއް ހުރި ކަމަށެވެ. ނަމަވެސް ރާޖަޕަކްސާގެ އަރިސް މީހުން ބުނަނީ ގާނޫނު އަސާސީ އިން އެއްވެސް ހުރަހެއް ރައީސް ރާޖަޕަކްސާ އަށް ނެތް ކަމަށެވެ.
އާއިލީ ވެރިކަމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ވާހަކަ ފެތުރޭ އިރު، އިންފްލޭޝަން ރޭޓާއި އިންޓަރެސްޓް ރޭޓް ދަށް ނަމަވެސް ތަކެތީގެ އަގު ބޮޑުވުމާއި ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.
ތަމަޅަ ހަނގުރާ ނިންމާލި ގޮތާ ބެހޭ ގޮތުން ބޭރު ދުނިޔޭގައި ސްރީލަންކާ އަށް އަންނަނީ ފާޑުކިޔަމުންނެވެ.
ޔުނައިޓެޑް ނޭޝަނުން 2011 ވަނަ އަހަރު އެސްޓިމޭޓް ކުރި ގޮތުގައި ތަމަޅައިންގެ 40،000 މީހުން ވަނީ ހަނގުރާމައިގެ ފަހު ދުވަސްކޮޅު މަރާލައިފަ އެވެ. ނަމަވެސް ލަންކާ ސަރުކާރުން އިންކާރު ކުރެ އެވެ.
ހަނގުރާމަ އަށް ފަހު ޖަފުނާ އާބާދު ކުރުމަށް ކުރާ މަސައްކަތުގެ ފެންވަރާ މެދު، ހުޅަނގާއި ތަމަޅައިންގެ ފާޑުކިޔުންތައް ވެސް ރާޖަޕަކްސާ އަށް ދަނީ ކުރިމަތިވަމުންނެވެ. ނަމަވެސް ޕަކްސާ ވިދާޅުވަނީ ފަސް ބިލިއަން ޑޮލަރުގެ އެކޮނަމިކް އިންފްރާސްޓްރަކުޗާއާ އެކު އެ ސަރަހައްދުގެ ރީކޮންސިލިއޭޝަންގެ މައްސަލަ ހައްލުވާނެ ކަމަށެވެ. އަދި 20 އަހަރަށް ފަހު ކޮލަމްބޯ އާއި ޖަފުނާ ގުޅުވައިދޭ ރޭލްވޭ ސްޓޭޝަން އަންނަ ހޯމަ ދުވަހު އަލުން ހުޅުވުމަކީ ވެސް އެކަމަށް ހުޅުވޭ ދޮރެއް ކަމަށެވެ.
ތަމަޅައިންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމުގެ ތުހުމަތު ރާޖަޕަކްސާގެ މައްޗަށް ހުޅަނގުން އުފުލާ އިރު، ލަންކާގައި ޕަކްސާގެ މަގުބޫލުކަން ދިޔަައީ މައްޗަށެވެ. ސިންގަޅައިން ބުނަނީ އެ ތުހުމަތު ތަކަކީ ބޭ އިންސާފު ތުހުމަތެއް ކަމަށެވެ.
ރާޖަޕަކްސާ އަކީ އާއިލީ ވެރިކަމެއްް ކުރައްވާ ކަމުގެ ތުހުމަތު އެޅުވިފައިވާ ބޭފުޅެކެވެ. ނަމަވެސް ރައްޔިތުން އެކަން ދެކޭ ގޮތް އެނގޭނީ ޖެނުއަރީ މަހު ނަގަން މަސައްކަތް ކުރާ ވޯޓުންނެވެ.
މައުލޫމާތު: ރޮއިޓާސް