އޮސްޓްރޭލިއާގެ އުތުރުގައި އޮންނަ ކުއީންސްލޭންޑް ސްޓޭޓްގެ ވަލުތެރެއަށް ގެއްލުނު އަންހެނަކު 17 ދުވަހަށް ފަހު ދިރިހުއްޓާ ފެނިއްޖެއެވެ.

ބީބީސީގައި ބުނެފައިވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ކުއީންސްލޭންޑްގެ ވަލު ކައިރީގައި އޮންނަ ފަތަންއެރޭ ކުޅިއަކަށް ގޮސް އުޅެނިކޮށް ގެއްލުނު އޮސްޓްރޭލިއާއަށް އުފަން ޝެނޮން ލިއާ ފްރޭސާ، 30 ފެނުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ގެއްލިގެން އެކަން ރިޕޯޓްކުރީ، ފްރޭސާ އާއި އެކު މޫދަން އެރެންދިޔަ މީހުންނާ އޭނާ ވަކިވެ އަނބުރާ ވެހިކަލް ދޮށަށް ނައުމުންކަމަށް ވެސް އެ ނޫހުގައިބުނެފައިވެ އެވެ.

ފްރޭސާ ވަލުތެރެއަށް ގެއްލުމުން އޭނާއަށް ސަލާމަތުން ނުކުމެވުނީ، ރެސްކިއު ޓީމުން ވަލުތެރޭގައި ހަރުކުރަމުންދިޔަ ކުލަކުލައިން ދިއްލޭ ބޮކިތަކުގެ އެހީގައިކަމަށް ބީބީސީގައި ބުނެފައިވެ އެވެ.

ފްރޭސާ ފެނުނީ އޭނާ ފަތަން އެރުނު ޕޮންޑާ 30 ކިލޯމީޓަރު ދުރުން، ދޮންކެޔޮ ހައްދާ ދަނޑުވެރިއަކަށެވެ. އަދި އޭނާ ފެނުނުއިރު އޭނާގެ ގައިގެ ތަންތަން ކަނޑައިގެން ގޮސް އަވިން ފިހިފައިވުމުން، އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

ތިން ކުދިންގެ މަންމަ ފްރޭސާގެ އާއިލާގެ މީހުންނާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ އޭނާ ވަލުތެރެއަށް ގެއްލިގެން އުޅުނު ދުވަސްތަކުގައި ކައި އުޅުނީ ކުދިކުދި ސޫފާސޫފިއާއި ފެންގަނޑަކުން މަސް ނަގައިގެން ކަމަށެވެ.

"އޭނާގެ މުޅި ހަށިގަނޑުގައި ވަނީ ލަކުނުލައި، ހަންފޮޅިފަ. އޭނާ ދުނިޔޭގައި ހުރި ކަމަކީ އަޖައިބެއް." ފްރޭސާ ގެއްލުނު ދުވަހު އޭނާއާއި އެކު ފަަތަން ދިޔަ އޭނާގެ ލޯބިވެރިޔާ ހީތް ކެސިޑީ އާއި ހަވާލާދީ ބީބީސީގައި ވެއެވެ.