ފަލަސްތީނުގެ އެއްބައިވަންތަ ކަމުގެ ސަރުކާރުން ޣައްޒާގައި ފުރަތަމަ ފަހަރަށް ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި އެވެ.

މީގެ މަސްތަކެއް ކުރިން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ބޮޑު ވަޒީރު ކަމުގެ ހުވާކުރެއްވި، ރާމީ ޙަމްދުﷲ، އޭނާގެ ގުޅިފައިވާ ސަރުކާރުން ޣައްޒާގައި ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު ޢައްބާސް، ޣައްޒާގައި ކެބިނެޓް ބައްދަލުވުމެއް ބާއްވަން ނިންމެވީ، މީގެ މިމަހު 12 ގައި މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ޑޯނާސް ކޮންފަރެންސް ފެށުމުގެ ކުރީން ބައިނަލްއަގްވާމީ މުޖްތައަށް ފަލަސްތީނުގެ އެއްބައިވަންތަކަށް ދައްކުވައިދިނުމާއި، ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ހުޅަނގު އައްސޭރީއަށް އެހީހޯދުމުގެ މަގު ތަނަވަސްކުރެއްވުމުގެ ގޮތުންނެވެ.

ޣައްޒާގައި 2007 ވަނަ އަހަރު ހަމާސްއާއި ފަތުހު ޕާޓީއަށް ވަފާތެރި ފަރާތްތަކުގެ މެދުގައި ކުރެވުނު ދާހިލީ ކުރިމަތިލުންތަކަށް ފަހު، އެ ޝަހަރުގައި ބޭއްވޭ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ފުރަތަމަ ބައްދަލުވަށް ހަމާސްގެ ބާރުގެ ދަށުގައިވާ ޣައްޒާއަށް ޙަމްދުﷲ ވަޑައިގަތީ ބުރާސްފަތި ދުވަހުއެވެ.

އިސްރާއީލުން 50 ދުވަސްވަންދެން ކުރިއަށް ގެންގޮސްފައިވާ ހަމަލާތަކުގައި ހަލާކުވެފައިވާ އަވަށްޓެރި އާބާދީތަކަށް ވެސް ޣައްޒާއަށް މިކުރެއްވި ޒިޔާރަތުގައި ޙަމްދުﷲ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ބޭނުމަކީ، ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރު ހަރަދުކޮށްގެން ތިން ވަރަކަށް އަހަރުން ނޫނީ އާރާސްތު ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ ޣައްޒާގެ އާބާދީތައް އާރާސްތު ކުރުމަށްޓަކައި ފަންޑު ހޯދުމަށް އެހީދޭ ގައުމުތަކަށް ބާރުއެޅުއްވުމެވެ.

"ސަރުކާރު ތަމްސީލުކުރަން އަޅުގަނޑު މިތަނަށް މިއައީ، ރައީސް މަހުމޫދު ޢައްބާސްގެ ފަރާތުން އަދި މި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ޣައްޒާ އާރާސްތު ކުރުމާއި، ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުމުގައި އަޅުގަނޑުމެންގެ ޒިންމާ ކަށަވަރުކޮށްދިނުމަށް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މިދިޔަ މަހު ފަލަސްތީނުގެ ސިޔާސީ ޕާޓީތަކުން ވަނީ ގާހިރާގައި ބާއްވާ ޑޯނާސް ކޮންފަރެންސްގެ ކުރީން ޣައްޒާގެ އެންމެހައި ބާރުތައް އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް އެއްބަސްވެފައެވެ. އަދި ފަތަހުއާއި ހަމާސްއިން މިދިޔަ މޭމަހު ވަނީ، ދެ ޕާޓީ އެކުލެވޭ ގުޅިފައިވާ ކެބިނެޓެއް އެކުލަވައިލުމަށް ވެސް އެއްބަސްވެފައެވެ.

ހުޅަނގުގެ ބާރުތަކުގެ ތާއީދު ލިބިފައިވާ ފަތަހު ޕާޓީގެ އަތްދަށުން 2007 ވަނަ އަހަރުގެ ދާހިލީ ހަނގުރާމައިގައި ހުޅަނގު އައްސޭރި ހަމާސްގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، ހުޅަނގުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަ ކޮށްފައިވާ، ހަމާސްގެ ބާރު އޮންނަ ހިސާބުތަކަށް އެހީދިނުމުގައި އެހީދޭ ގައުމުތަކުން ތަފާތުކުރުންތައް ގެންގުޅޭތާ ހަތަރުވަރަކަށް އަހަރު ވެއްޖެއެވެ.

މިދިޔަ އަހަރު ފަލަސްތީނުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރުމަށް ފަހު ހަމާސްއިން ވަނީ އެ ޕާޓީއަކީ ގާނޫނީގޮތުން ބާރު ލިބިފައިވާ ޕާޓީއެއް ކަމަށް ބުނެފައެވެ. އަދި އެ ޕާޓީން ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި އިސްރާއީލާ ދެކޮޅަށް ހަގުރާމަކުރަނީ، ގާނޫނީ ބާރު ލިބިފައިވާ އަސްކަރިއްޔާއެއްގެ ގޮތުގައި ކަމަށްވެސް ހަމާސްއިން ބުނެއެވެ.

ހުސްވި ހަފްތާގައި ޙަމްދުﷲ ވަނީ، އެ ދެޖަމާއަތުގެ ދެމެދުގައިވާ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން، ހަމާސްއިން ވަޒީފާދީފައިވާ ޣައްޒާގެ މަދަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރައިގެ ބޮޑުބައެއް އދ.ގެ އެހީއާއެކު ގަތަރުން ހަމަޖައްސައިދޭނޭ ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް މުސާރަދިނުމަށް ހަމަޖައްސާފައިވާ ފުރިހަމަ ނިޒާމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާއަށް ޙަމްދުﷲ މި ކުރައްވާ ޒިޔާރަތުގެ ސަބަބުން މީގެ އަށް އަހަރު ކުރިން، ސިޔާސީގޮތުން ވަރު ދޫވެފައިވާ ސިޔާސީ ގުޅުމާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތް ފަނޑުވެގެން ހިނގައިދާނޭ ކަމުގެ އިހްސާސްތައް ވެރިވެފައިވާ ޣައްޒާގެ އާންމު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ދިރުމެއް ލިބިގެންދާނެ އެވެ.

ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މީގެ އަހަރެއްކުރިން އިސްރާއީލުން ޣައްޒާއަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލައި، އަންނަ ހަފްތާގައި ޣައްޒާއަށް މުދާ އެތެރެކުން ބަންދުކޮށްފައިވާ ޗެކްޕޮއިންޓްތައް ނައްތައިލާނެއެވެ.

"ފުރަތަމަ ފަހަރަށް އަހަންނަށް އިހްސާސް ކުރެވިއްޖެ އެއްބައިވަންތަ ވެވިދާނެކަން. އަދި އަހަރެން އުންމީދުކުރަން މިހާރު މިފެންނަ ކަންތައްތައް ދާއިމަށް ދެމިގެން ދާނޭކަމަށް. އަދި ހުވަފެނަކަށް ވެގެން ނުދާނޭ ކަމަށް،" ޣައްޒާސިޓީގެ އިލެކްޓްރޯނިކް ފިހާރައަކަށް ބޮޑުވަޒީރު ޙަމްދުﷲ ވަދެވަޑައިގަންނަވާ މަނަޒަރު ޓީވީ މެދުވެރިކޮށް ބަލަން އިން 26 އަހަރުގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ހާނީ އަޙްމަދު ބުންޏެވެ. – (އަލް ޢަރަބިއްޔާ)