ނިމިގެންދިޔަ އަޟްހާ އީދުގައި ދިވެހި ޒުވާނުންނާއި ދިވެހި ފަންނާނުންގެ ފަރާތުން ފެނިގެން ދިޔައީ ގައުމީ ލޯބި ދައްކުވައިދިން ލާމަސީލު މިސާލެއް ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އަޟްހާ އީދު މާލޭގައި ފާހަގަކުރުމަށް ނެޝަނަލް ސެންޓަރު ފޮ ދި އާޓްސް (އެންސީއޭ) އިން އިސްނަގައިގެން ބޭއްވި ހަރަކާތްތައް ނިންމުމަށް ނެޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ، މި އަހަރުގެ އީދަކީ އަހަރުތަކަކަށް ފަހު ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ފެނިގެންދިޔަ ފަހަރެއް ކަމަށެވެ.

"..މިއީ އަހަރުތަކަކަށް ފަހު ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަން ފެނިގެން ދިޔަ [އަހަރެއް].. ޒުވާނުންގެ ފަރާތުން މިއިވެންޓުން ފެނިގެން މިދިޔައީ އެއްވެސް އަގަކާ ނުލާ ހުއްބުލް ވަތަންގެ ލޯބި ނޫނީ އެހެން ދިވެހިންތަކެއް ހިތްހަމަޖައްސައިދިނުމަށްޓަކާ ވަރަށް ލާމަސީލު މިސާލެކޭ ތިޔަ ދައްކުވައި ދިނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ފަންނާނުންނާއި ޒުވާނުންނަށްޓަކާ މުހިއްމު ކަންތައްތަކެއް އެންސީއޭގެ ފަރާތުން އެކުލަވާލާފައިވާ ކަމަށް އިޝާރާތްކުރައްވައި މަލީހު ވިދާޅުވީ، ދިވެހި ފިލްމް ސިނާއަތް ކުރިއަރުވައި ދިވެހި ފަންނާނުންނަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް ރޭވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ދިވެހި ފަންނާނުން ބާރުވެރިކުރުވައި ޖާގައިގެ ދަތިކަމާ ހުރެ ފަރިތަނުކުރެވޭ ފަންނާނުންނަށް އެ ކަންތައްތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެންސީއޭ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން އަތޮޅުތެރޭގައި ޒުވާނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން. އެގޮތުން ކުޅުދުއްފުށީގައި ހިންގި ޕްރޮގްރާމްގައި އާޓިސްޓުން ތަމްރީންކުރުމާއި މިއުޒިކްގެ ރޮނގުން ތަމްރީން ކޮށްފައިވޭ،" ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.

"މަވެސް ފޯރީގައި"ގެ ނަމުގައި ބޮޑު އީދުގެ ތިން ވަނަ ރޭ އެންސީއޭގެ ފަރާތުން ވަނީ މާލޭގައި ލޮރީ ބުރެއް ބާއްވައިފަ އެވެ. އެ ލޮރީތަކުގައި ކުރީގެ އަދި މިހާރުގެ މަޝްހޫރު ލަވަ ކިޔުންތެރިންތަކެއް ބައިވެރިވެ ލަވަތައް ހުށަހަޅައި ދިން އިރު، ތަފާތު ކާޓޫން ކެރެކްޓާތައް ވެސް އެ ލޮރީ ބުރުގައި ބައިވެރިކޮށްފައިވެ އެވެ.