09 Oct 2014, 21:58
ޕޯޗުގީޒްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑްގައި ބަހައްޓަން ބޭނުންވާކަމަށް އެޓީމުގެ ވޭލްސް ވިންގާ ގެރެތު ބޭލް ބުނެފި އެވެ.
ރޮނާލްޑޯއާ އެކު ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބޭލް ބުނީ ރޮނާލްޑޯ އަކީ މޮޅު އަދި ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އެ ފެންވަރުގެ ކުޅުންތެރިއެއް ޓީމު ދޫކޮށްދާތަން ބަލަން ބޭނުންނުވާ ކަމަށެވެ.
" އަހަރެން އެއްވެސް ހާލެއްގައި ބޭނުމެއް ނޫން ރޮނާލްޑޯ ފަދަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ރެއާލް ދޫކޮށް ދާތަން ދެކޭކަށް. އޭނާ އަކީ މޮޅު އަދި އެހާމެ ހުނަރުވެރި ކުޅުންތެރިއެއް." ބޭލް ބުންޏެވެ.
ރޮނާލްޑޯ އާއި އެކީ އެންމެ ފަހުގެ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި ވޭލްސް ކުޅުންތެރިއާ ބުނީ ރޮނާލްޑޯ އަންނަނީ ކާމިޔާބުކުރާ ގޯލްތަކުން އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްކަން އަހަރަކަށްފަހު އަހަރަކު ދައްކަމުން ކަމަށެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ވިލާތުގެ ޓޮޓެންހަމް އިން ރެއާލްމެޑްރިޑާ ގުޅުނު ބޭލް އާއި ރޮނާލްޑޯ އާއި ދެމީހުންގެ ދަނޑުމަތީގެ ޕާޓްނާޝިޕް ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. މިދެ ކުޅުންތެރިންގެ ފަރާތުންވެސް މިސީޒަންގައި މޮޅު ތަފާތު ކުޅުމެއް ފެންނަމުން ދާކަން ފާހަގަކޮށްލެވެއެވެ.
ޕޯޗުގީޒްގެ ފޯވަޑްގެ ޓްރާންސްފާގެ ކަންތައްތައް ހޫނުކޮށް ދެކެވެމުން ދާއިރު އޭނާ ވަނީ މިހާތަނަށް ރެއާލްއަށް ކުޅެދިން 257 މެޗުގައި 269 ގޯލް ކާމިޔާބުކޮށްފައެވެ. އާ ސީޒަންގައިވެސް ރޮނާލްޑޯގެ ފަރާތުން މެޗަކަށްފަހު މެޗެއްގައި މޮޅު ކުޅުމެއް ފެނިގެން ދާއިރު އޭނާ ވަނީ އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި ހެޓްރިކެއް ވެސް ހަދައިފައެވެ.
ރޮނާލްޑޯ އެނބުރި އައުމަށް ޔުނައިޓެޑުގެ ސަޕޯޓަރުން އެދި ގޮވަމުންދާއިރު ރެއާލް މެޑްރިޑުން އޭނާ ދޫކޮށްލަން ބޭނުމެއް ނުވެއެވެ. ނަމަވެސް ރޮނާލްޑޯ ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރު ނިމުމުގެ ކުރިން ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާ ކަމަށް މީޑިއާގައި އެތައް ފަހަރަކު ބުނެފައެވެ.