ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ "އެޓޯލް ފުޓްބޯލް ޓޯނަމެންޓް 2014"ގެ ހދ. އަތޮޅު މުބާރާތުގެ ފައިނަލްގައި ސާއްބަ އެކުވެރި ކްލަބާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 5-6 އިން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ މޮޅުވެ މުބާރާތް ކާމިޔާބުކޮށްފި އެވެ.

ކުޅުދުއްފުށީ ދަނޑުގައި އިއްޔެ ކުޅުނު ފައިނަލްގެ 90 މިނެޓުގައި އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިއެއް ނުވެއެވެ. ދެ ޓިމުންވެސް ގޯލް ޖަހާފައި ވަނީ ޕެނަލްޓީ އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ނޫރުﷲ ޠާޙާއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށްވެސް ހޮވުނީ ނޫރުﷲ ޠާޙާ އެވެ.

ނޫރުﷲ ބުނީ، މުބާރާތް ފެށުނު އިރު މޮޅުވާނެ ކަމަށް އުއްމީދު ކޮށްފައި ނުވި ނަމަވެސް ސެމީއަށް ދެވުމުން އުންމީދު އާވި ކަމަށެވެ.

"މުބާރާތް ފެށުނު ކޮޅު އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން މޮޅުވެދާނެ ކަމަކަށް. މޮޅަށް ކުޅެވޭތޯ މަސައްކަތް ކުރިން. އެކަމަކު ސެމީ ފައިނަލާ ހިސާބަށް އާދެވުނީމަ ވަރަށް އުއްމީދު ކުރިން މޮޅުވާނެ ކަމަށް،" ނޫރުﷲ ބުންޏެވެ.

މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބުގެ ޝުހުރާބު އަބްދުއްލަތީފެވެ. މުބާރާތުގައި ތިން ގޯލު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް އަކަށް ހޮވިފައިވަނީ ކުޅުދުއްފުށީ ޒިގްޒެގްގެ ޒައިދު މުހައްމަދެވެ. އަދި އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ ޒިގްޒެގްގެ އަލީ ރިޒާއެވެ.

މުބާރާތް ކާމިޔާބު ކުރި ޓީމަށް 25،000 ރުފިޔާގެ އިނާމެއް ލިބިފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 18،700 ރުފިޔާގެ އިނާމެއް ލިބިފައެވެ.