09 Oct 2014, 21:23
ނިއުރޭޑިއަންޓްގެ އާ ފިޓްނަސް ޕާޓްނަރަކަށް ގްލޯފިޓް ޖިމް ހަމަޖައްސައިފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ މިއަދު ގްލޯފިޓް ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު މެންދުރު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިއުރޭޑިއަންޓްގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، އެ ކްލަބުގެ ފިޓްނަސް ޕާޓްނަރަކަށް ގްލޯފިޓް ހަމަޖެއްސުމާ ގުޅިގެން އެ ކްލަބުގެ ބައެއް ކުޅުންތެރިންނަށް ގްލޯފިޓުން ޚިދުމަތްތައް ހިލޭ ލިބޭނެ ކަމަށާއި އަދި ނިއުގެ ހުރިހާ ކުޅުންތެރިންނަށް ދިމާވާ އެކި އަނިޔާގެ މައްސަލަތައް ރީހެބް ކުރުމަށްޓަކައި ގްލޯފިޓް ޖިމް ބޭނުންކުރެވޭނެ ކަމަށެވެ.
ބަލަކް ވިދާޅުވީ، ނިއުގެ ފިޓްނަސް ޕާޓްނަރަކަށް ގްލޯފިޓް ފަދަ މަޝްހޫރު ޖިމް އެއް ހަމަޖެހިގެން ދިއުމަކީ އެ ކްލަބަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިއަދު ދެފަރާތުން ވެވުނު އެއްބަސްވުން މިއަހަރު ނިމެންދެން ދެމިއޮންނާނެ ކަމަށެވެ.
ގްލޯފިޓްގެ މާސްޓާ ޓްރެއިނާ އަލީ މުއާޒް ވިދާޅުވީ އެ ޖިމް އިން އަބަދުވެސް ފުޓްބޯޅައަށް ޚިދުމަތް ކުރައްވަން ބޭނުންފުޅު ވާކަމަށާއި މިއަދު ވެވުނު އެއްބަސްވުމަކީ އޭގެ ފެށުމެއް ކަމަށެވެ. އަދި ފުޓްބޯޅަ އަކީ ރާއްޖޭގެ އެއްވަނަ ކުޅިވަރަށްވުމުން ކުރިއަށް އޮތް ތާނގައިވެސް ފިޓްނަސް ދާއިރާއިން މި ކުޅިވަރަށް ވެދެއްވެން އޮތް އެހީއެއް އެ ޖިމް އިން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގްލޯފިޓް އަކީ މާލޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ޖިމެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ނިއުރޭޑިއަންޓްގެ ބައެއް ކުޅުންތެރިންގެ އިތުރުން ގްލޯފިޓް ޖިމްގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.