މަހިބަދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-1 ލަނޑުން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ލީގުގެ ތާވަލުގެ އެއްވަނައިގައި އޮވެ ދެވަނަ ބުރު ނިންމާލައިފި އެވެ.

ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗަކީ މަހިބަދޫ އަދި ނިއުއިން ވެސް މި ބުރުގައި ކުޅުނު އެންމެ ފަހު މެޗެވެ.

ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ނިއުރޭޑިއަންޓުން ވަނީ ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ބޭކާރުކޮށްލައިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ވެސް ނިއުރޭޑިއަންޓުންނެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޓީމަށް ލަނޑު ޖަހައިދިނީ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 އިން ނިއު ލީޑުގައި އޮވެއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނަ އިރު ތަކެއް ނުވަނީސް ނިއުރޭޑިއަންޓުން ވަނީ ދެވަނަ ލަނޑު ޖަހައި ނަތީޖާ ފުޅާކޮށްފަ އެވެ. މުހައްމަދު އުމައެރު ތަނަވަސްކޮށްދިން ފުރުސަތެއްގައި ދެވަނަ ހާފުގެ ތިންވަނަ މިނިޓުގައި ނިއުއަށް ލަނޑު ޖަަހައިދިނީ އަކްރަމް އަބްދުލް ޣަނީ އެވެ.

މެޗުގައި މަހިބަދޫ ކާމިޔާބުކުރި ހަމަ އެކަނި ލަނޑު66 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޖުނައިދެވެ.

މުޙައްމަދު ރަޝީދުގެ އެހީތެރިކަމާއެކު މެޗުގެ 75 ވަނަ މިނިޓްގައި ނިއުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑް އެވެ.

އިންޖަރީ އާއި ގުޅިގެން ތިން މަސް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހޭކަމަށް ބުނެފައިވާ މަހިބަދޫގެ ހުސައިން ނިޔާޒް (ބޮކުރީ) ވަނީ މިއަދުގެ މެޗުގެ 59 ވަނަ މިނެޓުން ފެށިގެން ކުޅެފައެވެ.

މިއަދު ކުޅުން މެޗުގައި 13 ކޯނަރު ނަގާފައިވާއިރު އެއިން 10 ކޯނަރު ލިބިފައިވަނީ ނިއުރޭޑިއަންޓަށެވެ. ނަމަވެސް އެއިން ގިނަ ކޯނަރުތައް ދިޔައީ ބޭކާރު ވެގެންނެވެ. ނިއުގެ އުމޭރަށް ގޯލު ޖަހަން ހުސްކޮށް ލިބުނު ދެ ފުރުސަތެއް ބޭނުން ނުހިފި ގެއްލިފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗު ނިމުމަށްފަހު ނިއުރޭޑިއެންޓްގެ ކޯޗު އަރްމާސް ބުނީ ކޮންމެ މެޗެއް ނިމޭއިރު ކުޅުންތެރިންނަށް އާ އެއްޗެހި ތަކެއް ދަސްވެފައި ހުންނަން ޖެހޭނެ ކަމަށެވެ.

"މެޗެއް ކުޅޭއިރު އަބަދުވެސް ދާްން ޖެހޭނީ ކުރިއަށް. އެއް މެޗު ނިމޭ އިރު ދެ ފިޔަވަޅު ފަހަތައް ދާން ޖެހިއްޖެ ކަމުގައި ވާނަމަ ރަނގަޅެއް ނުވާނެ. ކޮންމެ މެޗެއް ނިމިގެން ދާއިރު ކޮންމެ ކުޅުންތެރިއަކަށް ވެސް އެއިން ކަމެއް ދަސްވާން ޖެހޭނެ،" އަރްމާސް ބުންޏެވެ.

މަހިބަދޫ ޓީމުން ބުނީ، މެޗުން ބަލިވި ކަމުގައިވިޔަސް ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި ލީގު ފެށުމުގެ ކުރިން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވި ކަމަށެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ނިއު އިން ނިންމާލާފައިވަނީ 21 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތީ މާޒިޔާއެވެ. އަދި ތިންވަނައިގައި އޮތީ ވިކްޓްރީއެވެ. މި ދެޓީމުން ހަ މެޗު ކުޅެފައިވާއިރު ނިއު އިން ވަނީހަތް މެޗު ކުޅެފައެވެ.