09 Oct 2014, 19:46
އެންމެ އިތުބާރު ހުރި ގޮތަކަށް އޮޕަރޭޓް ކުރާ އެއާލައިންތަކަށްދޭ އެވޯޑެއް ކަމަށްވާ އެއާލައިން ރިލައިބިލިޓީ ޕާފޯމަންސް އެވޯޑް ގިނަ އެއާލައިންތަކަކާ ވާދަކޮށް ގައުމީ އެއާލައިން މޯލްޑިވިއަން އަށް ލިބިއްޖެ އެވެ.
އެ އެވޯޑަކީ ބޮމްބާޑިއާ އެއިރޯޕޭސް އިން ބާއްވާ އެނުއަލް އެއާލައިން ރިލައިބިލިޓީ ޕާފޯމަންސް އެވޯޑުގައި ކިއު-ސީރީޒް އަދި ސީއާރުޖޭ ސީރީޒްގެ މަތިންދާ ބޯޓު އޮޕަރޭޓް ކުރާ އެއާލައިންތަކުގެ ތެރެއިން އެންމެ އިތުބާރު ހުރި ގޮތަކަށް އޮޕަރޭޓް ކުރާ އެއާލައިނަކަށް ދޭ އެވޯޑެކެވެ.
އިތުބާރު ހުރި ގޮތަކަށް އޮޕަރޭޓް ކުރާ އެއާލައިން ފާހަގަކޮށް ދޭ އެ އެވޯޑް މޯލްޑިވިއަން އަށް ލިބުނީ މި ސަރަހައްދުގައި އޮޕަރޭޓްކުރާ ވަރަށް ގިނަ އެއާލައިންތަކަކާ ވާދަކޮށް އޯޝަނިއާ ސަރަހައްދުގެ އެއްވަނަ ހޯދައިގެން ކަމަށް އައިލޭންޑް އޭވިއޭޝިއަނުން ބުންޏެވެ.
އެ އެވޯޑް މޯލްޑިވިއަންއާ ހަވާލުކޮށްދެއްވީ އައިލެންޑް އޭވިއޭޝަން ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޮމްބާޑިއާ އެއިރޯޕޭސްގެ އެއާފީލްޑް ސާވިސް ރެޕްރެޒެންޓެޓިވް ރަޖީވް ޝަރުމާ އެވެ. އެވޯޑާ ހަވާލުވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.
ބޮމްބާޑިއާ އަކީ އައިލެންޑް އޭވިއޭޝަން އިން ބޭނުންކުރާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓު އުފައްދާ ކެނެޑާގެ ކުންފުންޏެކެވެ. މިއީ މޯލްޑިވިއަން އަށް އެ އެވޯޑް ލިބުނު ތިންވަނަ ފަހަރެވެ.